19 Jun 2014, 10:24
ކިޔެވް (ޖޫން 19): ޔުކްރޭންގެ ސަރުކާރު ސިފައިންނާއި އެ ގައުމުން ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ޔުކްރޭންގެ ސިފައިން ދެމުންގެންދާ ޙަމަލާތައް ހުއްޓާލަން ތައްޔާރަށް އޮތްކަން އެ ގައުމުގެ ރައީސް ބިތްރޯ ބޯޝިންކޯ ހާމަކުރައްވައިފި އެވެ.
ބޯޝިންކޯ ވިދާޅުވީ ޔުކްރޭނަށް ސުލްޙަ ގެނައުމަށްޓަކައި ހަމަލާތައް ހުއްޓާލަން ސަރުކާރުފަޅިން އޮތީ ތައްޔާރަށްކަމަށާ މިކަން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއަށް ހުށަހަޅުއްވާފައިވާނެ ކަމުގަ އެވެ. ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަކީ ރަޝިޔާގެ އެހީތެރިކަމާއި މަދަދު ލިބޭ ޖަމާއަތްތަކެއް ކަމަށް ޔުކްރޭނުން ތުހުމަތުކުރެއެވެ. ނަމަވެސް ރަޝިޔާއިން މިކަން ދޮގުކުރެ އެވެ.
ބޯޝިންކޯ ވިދާޅުވީ ޔުކްރޭނަށް ސުލްޙަ ގެނައުމުގެ ޕްލޭނެއް ރަޝިޔާއާ ގުޅިގެން އެކުލަވާލަމުން ގެންދާ ކަމަށާ މިޕްލޭން ބިނާވެފައިވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން ހަތިޔާރު ބެހެއްޓުމުން ޔުކްރޭންގެ ސަރުކާރާއި އެމީހުންނާ ދެމެދު ސުލްޙައިގެ ވާހަކަތައް ފަށައި ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ މައްޗަށް ކަމުގަ އެެވެ.
މިޕްލޭނާ ބެހޭގޮތުން ރަޝިޔާގެ ރައީސް ޕޫޓިންއާ ފޯނުން މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށާ މިޕްލޭން ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ރުހުން ހޯދުމުގައި ރަޝިޔާގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްެވެސް ބޯޝިންކޯ ވިދާޅުވި އެވެ. ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކެއް އުފަންވެފައިވަނީ ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ހައްދުފަހަނަޅާފައިވާ ބަޔަކު އެގައުމުގެ ކުރީގެ ރައީސް ވިކްޓަރ ޔަނަކޮވިޗް ގެ ސަރުކާރު މިދިޔަ ފެބްރުއަރީމަހު ވައްޓާލުމާ ގުޅިގެންނެވެ. (ރޮއިޓާސް)