ގާހިރާ (ޖޫން 19): އިރާގުގައި ބޮންގޮއްވުމާއި މީހުން މެރުމުގެ އަމަލުތައް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުންދާ ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އިރާގުން ރަސްމީ ސިފައެއްގައި އެމެރިކާގެ ކިބައިން އެދިއްޖެ އެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން އެމެރިކާ ސިފައިންގެ އިސްކޮމާންޑަރު އަދި އެމެރިކާގެ ލަޝްކަރުތަކުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވީ "ދާޢިޝް"ފަދަ ޓެރަރިސްޓް ޖަމާއަތެއް އިރާގަށާއި ސޫރިޔާއަށް އަތްގަދަ ކުރުމުގެ ފުރްސަތު ދިނުމަކީ އެމެރިކާގެ ގައުމީ މަސްލަހަތަށް ނުރައްކާވާނެ ކަމެއް ކަމަށްވާތީ އެފުރްސަތު އެމެރިކާއިން އެޖަމާއަތަށް ނުދޭނެކަމުގަ އެވެ.

އެމެރިކާގެ ކޮންގްރެސްގެ ދިފާއީ ކަންތައްތަކާބެހޭ ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ޖެނެރަލް ޑިމްޕްސީ މިހެންވިދާޅުވިނަމަވެސް "ދާޢިޝް"އާ ދެކޮޅަށް އެމެރިކާ އަޅާނެ ޢަސްކަރީ ފިޔަވަޅުތަކުގެ ތަފްސީލް ދެއްވާފައެއްނުވެ އެވެ. އިރާގުގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ގެ ކުރިމަތީގައި އިރާގު ސިފައިންގެ ލަޝްކަރުތައް ރޫޅި އިރާގުގެ އުތުރުގެ ބޮޑުބައެއް، އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ދިޔުމާއެކު އިރާގު ސަރުކާރު ވައްޓާލުމަށްޓަކައި ވެރިރަށް ބަޣްދާދު ހިފާނެކަން "ދާޢިޝް" އިން ވަނީ އިއްލާން ކޮށްފަ އެވެ.

މިއާއެކު އިރާގުގެ ޝިޔައީންނާ ދެކޮޅަށް އެޖަމާއަތުން ހިންގަފާނެ ބަދަލުހިފުމުގެ އަމަލަކާމެދު ޝިޔައީންގެ މެދުގައިވަނީ ބިރުވެރިކަން އުފެދިފަ އެވެ. މިހަފްތާގެ ކުރީކޮޅު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެޖަމާއަތުގެ މަގާމްތަކަށް ވައިގެ ހަމަލާތަކެއް ދިނުމަށް އެމެރިކާ ތައްޔާރުވަމުންދާކަން ހާމަކުރައްވާފައެވެ. އަދި އިރާގުގައިވާ އެމެރިކާގެ އެންބަސީއާއި އެނޫންވެސް މަސްލަހަތުތައް "ދާޢިޝް" ހަނގުރާމަވެރިންގެ ކިބައިން ސަލާމަތް ކުރުމަށްޓަކައި އެމެރިކާގެ ޚާއްސަ ބާރުތަކަށް ނިސްބަތްވާ ސިފައިންގެ 275 މީހުން އިރާގަށް ފޮނުވުމަށް ނިންމިކަންވެސް މީގެ ދެތިން ދުވަސްކުރިން އޮބާމާ، ކޮންގްރެސްއަށް އަންގަވާފައިވެ އެވެ.

ޖިއްދާގައި އިއްޔެ ކުރިޔަށްދިޔަ އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އަރިިމަތީގައި ވާހަކަ ދައްކަވަމުން އިރާގުގެ ޚާރިޖީ ވަޒީރު ހޫޝިޔާރު ޒީބާރީ ވިދާޅުވެފައިވަނީ(ދާޢިޝް) ގެ ހަނގުރާމަވެރިންގެ މަޢްނަވީ ރޫހު ބަލިކޮށް ބަޣްދާދު ހިފުމަށް އެމީހުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި އެމީހުންނާ ދެކޮޅަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދޭންޖެހޭ ކަމުގައެވެ. މިކަމަށް ޓަކައި އެޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދިނުމަށް އެދި ރަސްމީ ސިފައެއްގައި އިރާގުން އެމެރިކާ ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށްވެސް އިރާގުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
"ދާޢިޝް" އަށް ސައޫދީ އަރަބިޔާއިން އެހީވާކަމަށް އެބައްދަލުވުމުގައި ޒީބާރީ ތުހުމަތު ކުރެއްވި ނަމަވެސް ސައޫދީ ސަރުކާރުންވަނީ އެކަން ދޮގުކޮށްފައެވެ. "ދާޢިޝް" ފަދަ ހަނގުރާމަވެރި ޖަމާއަތްތަކަށް ސައޫދީ ސަރުކާރުން އެހީތެރިނުވާނެކަން ސައޫދީ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

ޢަސްކަރީ ތަޖްރިބާކާރުން ވިދާޅުވަނީ "ދާޢިޝް" ހަނގުރާމަވެރިންނާ ކުރިމަތިލައި އެމީހުން ހުއްޓުވުމަށް އެމެރިކާއަށް ކުރެވޭނެ މާބޮޑުކަންތައްތަކެއް މިހާރުނެތް ކަމަށާ އެމެރިކާ ކިތަންމެ ވަރުގަދަ ވައިގެ ޙަމަލާތަކެއް ދިންނަމަވެސް "ދާޢިޝް" ހަނގުރާމަވެރިން ނައްތައި ނުލެވޭވަރަށް އިރާގުގެ ކަންކޮޅުތަކާއި ސޫރިޔާގައި އެމީހުން ބާރުގަދަކޮށްފައިވާ ކަމުގައެވެ. "ދާޢިޝް" އަކީ ބޮންގޮއްވުމާއި މީހުންމެރުމުގެ ތާރީޚެއްއޮތް ޖަމާއަތެއްނަމަވެސް އެޖަމާއަތް އުފެދި އެހިސާބަށް ދިޔުމުގެ ޒިންމާ ގިނަ ފަރާތްތަކުން އަޅުވަމުން ގެންދަނީ އެމެރިކާއާއި އެމެރިކާ، އިރާގުގައި އުފައްދާފައިވާ ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ ސަރުކާރުގެ ބޮލުގައެވެ.
"ދާޢިޝް" އުފެދެންޖެހުނީ އިރާގުގެ ސުންނީންނަށް އެމެރިކާގެ ހަމަލާތަކާއި އިރާގުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީގެ ސަރުކާރުން ގެންގުޅޭ ތާއިފީ އަދި މަޛްހަބީ ތަފާތުކުރުން ތަކާއެކު އިރާގުގެ ސުންނީންނަށް ކުރިމަތިވި ނިކަމެތިކަމާއި އަނިޔާވެރިކަމުގެ ތެރެއިން ކަމަށާ އެޖަމާއަތުގެ ހަނގުރާމަވެރިން މަސައްކަތްކުރަނީ މިކަންތައްތަކަށް ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްގައި ކަމަށް މަސްރަހު ދިރާސާ ކުރާފަރާތްތަކުން ދެކެ އެވެ. މީގެއިތުރުން 8 އަހަރުވަންދެން އެމެރިކާ ސިފައިން އިރާގުގައި ތިބެގެންބިނާކުރި އިރާގު ސިފައިންގެ ލަޝްކަރުތައް "ދާޢިޝް" ހަނގުރާމަވެރިންގެ ކުރިމަތީގައި ބަލިކަށިވެ ރޫޅިގެން ދިޔަ ދިޔުމަކީ އިރާގުގައި އެމެރިކާ ބިނާކުރި ދިފާއީ ކިއްލާ މުޅިން ފުނޑުފުނޑުވެ އިރާގާދެކޮޅަށް އެމެރިކާ ކުރި ހަނގުރާމަ ނާކާމިޔާބުވެގެން ދިޔުން ކަމަށްވެސް އިރާގުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

އިރާގަށް ކުރިމަތިވެފައިވާ ހަނގުރާމަވެރިންގެ ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޖިއްދާގައި އިއްޔެ ބޭއްވި އަރަބި ޚާރިޖީ ވަޒީރުންގެ ނުރަސްމީ ބައްދަލުވުމަކަށްފަހު ދެއްވި ބަޔާނެއްގައި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ގެ އެހީތެރިޔާ އަޙްމަދު ބިން ޙުލައި ވިދާޅުވީ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" ނުވަތަ "ދާޢިޝް" ގެ ނަމުން ނަންދީފައިވާ ހަނގުރާމަވެރި ޖަމާއަތަކީ އިރާގުގެ އިތުރުންއަރަބި ހުރިހާ ގައުމުތަކަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލެއް ކަމުގަ އެވެ.

މިޖަމާއަތުގެ އަތްދަށަށް އިރާގު ހިނގައްޖެނަމަ އަރަބި އެހެން ގައުމުތަކަށްވެސް އެކަމުގެ ނުރައްކާ ބޮޑުވެގެންދާނެކަމަށާ ދާޢިޝް ހުއްޓުވަންޖެހޭ ކަމަށްއަރަބި ހުރިހާ ގައުމުތަކެއް އެއްބަސްވާ ކަމަށްވެސް އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ގެ އެހީތެރިޔާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)