ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބޮޑެތި މަސައްކަތްތައް މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި ކޮށްފައި ވާނީ އަބްދުﷲ ޔާމީންގެ ޕީޕަލްސް އެލަޔަންސް[ޕީއޭ] އިން އިސްނަގައިގެން ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ޕީއޭގެ މެންބަރުންނަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި ސަން އޮންލައިނަށް އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހުރިހާ ކޮމެޓީތަކެއްގައި ޕީއޭގެ މެންބަރުން ތިއްބަވާނެ ކަމަށާއި ތަސްމީން ޕީއޭގެ މެންބަރުން ކޮމެޓީތަކަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ އިރު، ތަސްމީން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެންމެ ކޮމެޓީއެއްގައި ކަމަށާއި އެއީ މެންބަރުންގެ އިމްތިޔާޒުތަކާ ބެހޭ ކޮމެޓީގައި އެކަން ކަމަށް ޔާމީން ވިދާޅުވި އެވެ.


"މުޅި 2010 ވަނަ އަހަރު އިމްތިޔާޒާ ބެހޭ ކޮމެޓީގައި ބޭއްވިފައި އޮތީ ހަތަރު ޖަލްސާ. އެއް ބައްދަލުވުމަކީ މުގައްރަރު ހޮވުމަށް ބޭއްވި ބައްދަލުވުން. ތަސްމީން މުގައްރަރަކަށް ހޮވުނީ. ނަމަވެސް ވަރަށް އަވަހަށް ތަސްމީން މުގައްރަރުކަމުން އިސްތިތުފާ ދެއްވި. އެ އަށް ފަހު އެ ކޮމެޓީގެ ބޭއްވިފައި އޮތީ ތިން ބައްދަލުވުން. ތަސްމީން މިހާތަނަށް ވަޑައިގެންފައި އޮތީ ދެ ބައްދުލުވުމަށް،" ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މުގައްރިރު ޔާމީން ވިދާޅުވި އެވެ.


ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބޮޑެތި ހުރިހާ މަސައްކަތެއް މަޖިލީހުގައި ކޮށްފައި ވާނީ ޕީއޭ އިން ކަމަށާއި އޭގެ ތެރޭގައި ކޮސޯވޯގެ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލަ އާއި ސިފައިންނާއި ފުލުހުންގެ މައްސަލަތަކާއި ގޮންޓަނާމޯ ޖަލު މީހުން ރާއްޖެ ގެންނަން އުޅުނު މައްސަލަތައް ހިމެނޭ ކަމަށެވެ.


"ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ގޮންޓަނާމޯބޭ މައްސަލަ ބަލަމުން ދިޔަ އިރު ހަމަ މަޖިލީހުގެ ރައީސް އުޅުއްވި ޖަލްސާތައް ހުއްޓަވާލައްވަން. ބަންދުތެރޭގައި ޖަލްސާތައް ބާއްވަނީއޭ ކިޔާފައި،" ޔާމީން ވިދާޅުވި އެވެ. "ތަސްމީން އޮންނާނެ އޯޕަން އިންޓަވިއުއެއް ދެއްވާފައި ތިމަންނާ އެހާ ތާއީދު ކުރައްވާ ކަމެއް ނޫނޭ، މަޖިލީހުގެ ޗުއްޓީ ދުވަސް ވަރު މިކަހަލަ މައްސަލައް ބެލުން އެއީ،"


މާލިއްޔަތު ކޮމެޓީގައި ޑީއާރުޕީގެ ބޭފުޅުން ތިއްބެވިއަސް، އެ ކޮމެޓީގައި އިސް ނަގައިގެން މަސައްކަތް ކުރައްވަނީ ޔާމީނާއި ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަހުމަދު ނާޒިމު ކަމަށް ޔާމީން ވިދާޅުވި އެވެ.


ޔާމީން ވިދާޅުވީ އޭނާ ތަސްމީންގެ ލީޑަޝިޕް ދެއްކެވުމަށް ވާހަކަ ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގައި ދެ ޕާޓީ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރާ މަސައްކަތްތަކަށް ތަސްމީންގެ އެއްބާރުލެއްވުން ލިބިވަޑައިނުގަންނަވާތީ ކަމަށާއި އަދި އެއީ މެޖޯރިޓީ ލީޑަރު ކަމަށްވާތީ ކަމަށެވެ.


އަދި ވިދާޅުވީ މިނިވަން މުއައްސަތަކާ ބެހޭ ކޮމެޓީގައި މިހާރު ވެސް ބޮޑު 22 މައްސަލައެއްވާ ކަމަށާއި ނަމަވެސް އެކަންކަން ރަނގަޅަށް ނުހިނގާ ކަމަށާއި އެފަދަ ކަންކަން ރަނގަޅަށް ކުރިއަށް ނުދަނީ ޑީއާރުޕީގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.  


"ތަސްމީނަކީ މަޖިލީހުގައި ވާހަކަ ދައްކަވާ ބޭފުޅެއް ނޫން. ހަމަ އެކަނި ރިޔާސީ ބަޔާނަށް އޮޕޮސިޝަން ލީޑަރު ޖަވާބުދާރީ ވާން ޖެހޭތީ އެއަށް ޖަވާބެއް ދެނީ. މަޖިލީހަށް ވަޑައިގަސް ގިނަ ވަގުތު އިންނަވާނީ ސައިކޮޓަރީގައި. ތަސްމީނަކީ އެއްވެސް ކޮންޓްރާވަޝަލް މައްސަލައެއްގައި މަޖިލީސް ތެރޭގައި މި ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅެއް ވެސް ނޫން،" ޔާމީން  ވިދާޅުވި އެވެ.


ގާނޫނީ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާދާރީ ކުރާ ކަމަށް ތަސްމީން ދައްކަވާ ވާހަކަ އަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ މައްސަލަތަކުގައި ކޯޓަށް ދާން ޖެހެނީ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވިގެން ކަމަށާއި މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މައި ތަނބު ކަމަށެވެ.


"ތަސްމީން ތިޔަހެން ވިދާޅުވެ، ވިދާޅުވެ ހުއްޓައެއްނު އެއާޕޯޓް ޖީއެމްއާރާ ހަވާލު ކުރީ ވެސް. ތަސްމީން ތިޔަހެން ވިދާޅުވެ، ވިދާޅުވެ ހުއްޓައެއްނު އެމްއެންޑީއެފާއި ޕޮލިސްގެ ބިލް މަޖިލީހުގެ ތެރެއިން އެއްލާލީމާ އެ މީހުން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުނުވަނީ،" ޔާމީން ވިދާޅުވި އެވެ.


އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ މައްސަލަތައް ކޯޓުތެރެއިން ހައްލު ކުރުމުގެ ވިސްނުމެއް ސިޔާސީ ބޭފުޅުން ގެންގުޅުއްވާ ނަމަ ސިޔާސީ މީހުން ބޭނުން ނުވާ ކަމަށާއި ހުރިހާ ކަމެއް ލޯޔަރުންނާ ހަވާލުކޮށްގެން ތިބުމުން ފުދޭނެ ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރުމުގެ އެއްބަޔަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި ކޯޓާ ހަމައަށް ދާން ޖެހެނީ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ނުކުރޭވޭ ކަންކަމުގައި ގޮތެއް ކަނޑައެޅުމަށް އެކަނި ކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގައި މުލަކު ދާއިރާ ވެސް ތަމްސީލު ކުރައްވާ ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތަކީ ސަރުކާރަށް ހުރަސްއަޅައި ދަތިކުރުން ނޫން ކަމަށާއި ނަމަވެސް ދައުލަތުގެ ހަރުމުދަލާއި އެ ނޫން ތަކެތި ސަރުކާރުން ވިއްކައި ނަގާ އިރު އެއާ ދެ ކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.


ސަރުކާރުން އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމަށް މަގުފަހިވީ، ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، މާލިއްޔަތު ގާނޫނަށް ކޮމެޓީން އިސްލާހު ގެނެސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މޭޒު ކޮޅުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން އޮވެ، އެ ބިލް މަލީހުގެ ތަޅުމަށް ގެނައުން ލަސްވުމުންނެވެ.


އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތަށް މިނިވަން ނުވެ ވަނީ ވެސް އިދިކޮޅު ފަރާތްތަކަށް އެކަށީގެންވާ ފެންވަރަކަށް އެ މަސައްކަތް ނުކުރެވިގެންނެވެ. އަދި ވިދާޅުވީ ދައުލަތުގެ ޓީވީ އާޢި ރޭޑިއޯ ހިންގަން މިދިޔަ އަހަރު ވެސް ކޮންޑިޖެންސީ ބަޖެޓުން ހަރަދު ކުރި ކަމަށާއި އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.


"އެކަން ކުރި ވަޒީރަކު ޖެހޭނީ އިސްތިއުފާދީފައި ގެއަށްދާން،" ޔާމީން ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ދައުލަތުގެ ބަޖެޓުން އެމްއެންބީސީ ވަން އަށް އެއްވެސް ފައިސާއެއް ދީގެން ނުވާނެ ކަމަށް ރެކަމަޑޭޝަނެއް ހުށަހެޅުއްވީ ވެސް އެހެންވެގެން ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ރެކޮމަންޑޭޝަނަށް ވޯޓަށް އެހުމުގެ ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ.


ޔާމީން ވިދާޅުވީ އެ ރެކޮމަންޑޭޝަނަށް ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުން ވޯޓަށް ނޭއްސެވީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވެގެން ނޫން ކަމަށެވެ. އަދި އެ މާއްދާގައި ބުނަނީ މެންބަރުންގެ ޒާތީ މައްސަލަތަކުގައި "ބަރިއްޔަވުން" ކަމަށެވެ. އަދި ވިދާޅުވީ އެއީ ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރު ކުރުން ފަދަ މައްސަލަތަކުގައި މަސްލަހަތު އޮތް ފަރާތްތައް ބަރިއްޔަވުން ކަމަށެވެ. ނަމަވެސް ޔާމީން ސުވާލު ކުރެއްވީ އެ ބިލަށް ތަސްމީން ވޯޓް ނުދެއްވާތޯ އެވެ.