19 Jun 2014, 08:51
ސަރުކާރާއި ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު 32.7 މިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ އެވެ.
ނަސަންދުރާ ޕެލަސް ހޮޓެލްގައި މިރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ވަނީ 31،066،649 ޑޮލަރުގެ ގެއްލުންވެފަ އެވެ. އޭގެ ކުރިން 2012 ވަނަ އަހަރު ވެސް ވަނީ 6،300،436 ޑޮލަރު ގެއްލުންވެފަ އެވެ.
އަހަރަކަށްފަހު، އަހަރަކު ލިބެމުންދާ ގެއްލުމާއެކު މިއަހަރު ވެސް ހިއްސާދާރުންނަށް ހިއްސާ ބެހުމަށް އެމްޓީޑީސީއަކުން ނިންމާފައެއްނުވެ އެވެ.
އެމްޓީޑީސީން ބުނީ މިދިޔަ އަހަރު ކުންފުންޏަށް ގެއްލުންވުމުގެ ސަބަބުން ހިއްސާއަކަށް 10 ޑޮލަރު ގެއްލުންވެފައިވާ ކަމަށެވެ. އޭގެ ކުރިން 2012 ވަނަ އަހަރު އެ ކުންފުޏަށް ލިބުނު ގެއްލުމުގައި ހިއްސާއަކަށް ގެއްލުންވެފައި ވަނީ ދެ ޑޮލަރެވެ.
ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 412،573 ޑޮލަރު ލިބުން ނަމަވެސް ހިންގުމުގެ ހަރަދާއި އިދާރީ ހަރަދާއި ފައިސާ ހޯދަން ކުރި ހަރަދު ޖުމްލަ ފައިދާއިން ލިބުނު ވަރުން ހަމަ ނުޖެއްސުން ކަމަށް އެމްޓީޑީސީން ވަނީ ބުނެފަ އެވެ.
އެމްޓީޑީސީ 2007 ވަނަ އަހަރު އުފަންވީ ފަހުން ކުންފުނީގެ ހިއްސާ ދާރުނަށް ހިއްސާ ބަހާފައިވަނީ 2007 ވަނަ އަހަރާއި 2009 ވަނަ އަހަރުގަ އެވެ.
މިރޭ ބޭއްވި އަަހަރީ ޖަލްސާގައި ވަނީ ކުރިއަށް އޮތް އަހަރަށް ހިއްސާދާރުންގެ ފަރާތުން ފަސް ޑިރެކްޓަރުން އިންތިހާބުކޮށްފަ އެވެ. ޑިރެކްޓަރުގެ ބޯޑަށް އިންތިހާބުވެވަޑައިގެންވީ މއ.ޗަމްޕާސްޓާ، އާމިނަތު މުހައްމަދު މޫސާ، ރޯޝަން ސ.މަރަދޫ، އަބްދުﷲ ލީމާން ޒާހިރު، ހަސްކާރީގެ. ސ. މީދޫ. އަހްމަދު ނިޔާޒް، ދަފްތަރު 9241 އާރިފް އަބްދުއް ސަމަދު، ސްޓާލިންގ ބ. އޭދަފުށި ޒީޝާން އަބްދުއްރަހީމެވެ.