19 Jun 2014, 08:47
ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ހިދުމަތަށް ނުކުންނަ، ސިވިލް ސާވަންޓުންގެ ތެރެއިން އެންމެ ގިނައީ އަންހެނުން ކަމަށާއި ފިރިހެނުންނަށް ވުރެ އަންހެން ސިވިލްސާވަންޓުން 12 ޕަސެންޓް އިތުރުވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މުސްތަގިއްލު ހިދުމަތްތެރިންގެ ބަލަދުވެރިޔާ، ސީއެސްސީގެ ތަފާސް ހިސާބުން ދައްކާ ގޮތުން ދިވެހި ދައުލަތުގެ ސިވިލް ސާވަންޓުންގެ ޖުމްލަ އަދަދަކީ 24،742 އެވެ. އޭގެ ތެރެއިން 53 ޕަސެންޓާއެކު ސިވިލް ސާވަންޓުންގެ އަގުލަބިއްޔަތަކީ އަންހެނުންނެވެ. އެއީ 13،088 އަންހެން މުވައްޒަފުންނެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރަޖިސްޓްރީގައި މިދިޔަ މަހުގެ ނިޔަލަށް ފިރިހެން މުވައްޒަފުންގެ އަދަކީ 11،654 އެވެ.
ސިވިލްސާވިސްގެ މައިނޯރިޓީ ފިރިހެނުންނަށް ވުމުން، ސިވިލް ސާވަންޓުންގެ ތެރެއިން ފިރިހެނުންނަށް ވުރެ އަންހެނުން 12 ޕަސެންޓް އިތުރެވެ.
ސިވިލްސާވަންޓުގެ ބޮޑު އާބާދީއަކީ އަތޮޅު ތެރެ އެވެ. ތަފާސް ހިސާބުން ދައްކާގޮތުން ސިވިލްސާވަންޓުގެ ގޮތުގައި މަސައްކަތްކުރާ 16,102 މުވައްޒަފުންނަކީ ރަށްތަކުގެ ހިދުމަތްތެރިންނެވެ. އެއީ ޖުމްލަ މުވައްޒަފުންގެ 65 ޕަސެންޓެވެ.
ސިވިލް ސާވަންޓުންގެ ތެރެއިން 13 ޕަސެންޓަކީ ބިދޭސީންނެވެ. ސިވިލް ސާވިސްގައި 2880 އިންޑިއާ މީހުން މަސައްކަތްކުރާއިރު، ދެން އެންމެ ގިނަ ސިވިލް ސާވަންޓުންގެ ގޮތުގައި ހިދުމަތުގައި އުޅެނީ ބަންގްލަދޭޝް މީހުންނެވެ.
ސިވިލްސާވަންޓުންގެ މެޖޯރިޓިއަކީ ޒުވާނުންނެވެ. އެއީ 25 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ސިވިލް ސާވެންޓްގެ ގޮތުގައި މަސައްކަތް ކުރާ ޖުމްލަ އަދަދުގެ ތެރެއިން 6،803 މުވައްޒަފުންގެ އަސާސީ މުސާރަ އުޅެނީ 5،000ރ. އަށް ވުރެ ކުޑަކޮށެވެ. އެއީ ޖުމްލަ މުވައްޒަފުންގެ އަދަދުގެ 40 ޕަސެންޓެވެ. އެ މުސާރަ ލިބޭ 40 ޕަސެންޓް ސިވިލް ސާވަންޓުން މާލޭގައި އުޅެ އެވެ. އަތޮޅު ތެރޭގައި އެ މުސާރަ ލިބޭ 3111 މުވައްޒުން އުޅޭ ކަމަށް ސިވިލް ސާވިސްގެ ތަފާސް ހިސާބުން ދައްކަ އެވެ.
މުސާރައިގެ ގޮތުގައި 10,000 ރުފިޔާ އާއި 15000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބޭ މުވައްޒަފުންގެ އަދަދު 373 އުޅޭއިރު، 15000 ރުފިޔާއަށްވުރެ މަތިން މުސާރަލިބޭ މުވައްޒަފުންގެ ގޮތުގައި ސިވިލް ސާވިސްގައި މަސައްކަތް ކުރަނީ 75 މީހެކެވެ.
ސިވިލްސާވަންޓުގެ ގޮތުގައި އެންމެ ގިނަ މުވައްޒަފުން އުޅެނީ ޓީޗަރުންގެ ގޮތުގަ އެވެ. އެގޮތުން ޓީޗަރުންގެ ގޮތުގައި 7,036 އުޅޭއިރު، އެއީ ޖުމްލަ އަދަދުގެ 28 ޕަސެންޓެވެ. ޓީޗަރުންނަށްފަހު ދެން އެންމެ ގިނައިން ސިވިލްސާވަންޓް މުވައްޒަފުން މަސައްކަތްކުރަނީ އޮފީސް މާހައުލުގަ އެވެ. އެ ދާއިރާގައި 7,495 މީހަކު މަސައްކުރެ އެވެ.