19 Jun 2014, 06:30
ވޯލްޑް ކަޕުގެ ގްރޫޕް އޭގައި މިރޭ ކްރޮއޭޝިއާ އަތުން ބަލިވެ، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ކެމަރޫނަށް މުބާރާތާއި އަލްވަދާއު ކިޔަން ޖެހިއްޖެ އެވެ.
އެރީނާ އެމަޒޯނިއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކެމަރޫންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، އެ ޓީމުގެ މިޑްފީލްޑަރު އެލެކްސް ސޯންގަށް ދެއްކި ރަތް ކާޑަށް ފަހު ކެމަރޫންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން މި މެޗު ނިމިގެންދިޔައީ 4-0 ލަނޑުން ކްރޮއޭޝިއާ ކުރީގައި އޮވެގެންނެވެ.
މެޗަށް ދެ ޓީމު ނުކުތް އިރު، ދެ ޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިފަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ބްރެޒިލް އަތުން 3-1 ލަނޑުން ކްރޮއޭޝިއާ ބަލިވި އިރު، މެކްސިކޯ އަތުން ކެމަރޫން ބަލިވެފައި ވަނީ 1-0 ލަނޑުންނެވެ. މިރޭގެ މެޗުގައި ކެމަރޫންގެ ކެޕްޓަން ސެމުއެލް އެޓޫ ފެނިފައި ނުވާ އިރު، ފުރަތަމަ މެޗުގައި ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ބައިވެރި ނުވެވުނު ކްރޮއޭޝިއާގެ މުހިންމު ފޯވަޑް މާރިއޯ މަންޒޫކިޗް މި މެޗުގައި ފެނިފައި ވެއެވެ. މިރޭގެ މެޗުގައި ކްރޮއޭޝިއާ އިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ މަންޒޫކިޗް އެވެ.
މެޗުގެ ފުރަތަމަ ލަނޑު ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ އިވިކާ އޮލިޗް އެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ އިވާން ޕެރިސިޗް ދިން ރީތި ބޯޅައަކުންނެވެ. ކްރޮއޭޝިއާ އަށް އޮލިޗް ލީޑު ނަގައިދިންތާ މާ ގިނައިރުތަކެއް ނުވަނީސް އެ ލީޑު ފުޅާކުރުމުގެ ފުރުސަތެއް އެ ޓީމަށް ލިބިފައި ވެއެވެ. ނަމަވެސް ޕެރިސިޗް އަށް އެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބާސެލޯނާ އަށް ކުޅެމުންދާ ކެމަރޫންގެ ސޯންގަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ކްރޮއޭޝިއާގެ މަންޒޫކިޗް އަށް ހަމަލާ ދިނުމުގެ ސަބަބުންނެވެ. މި ރަތް ކާޑަކީ ވޯލްޑް ކަޕުގެ ތާރީހުގައި އެ ޓީމަށް ދެއްކި އަށްވަނަ ރަތް ކާޑެވެ. އެ ރަތް ކާޑާއެކު ވޯލްޑް ކަޕުގައި އެންމެ ގިނަ ރަތް ކާޑު ހޯދި ޓީމުތަކުގެ ތެރޭގައި ކެމަރޫން ވަނީ ހިމެނިފަ އެވެ. މި އަދަދަށް ރަތް ކާޑު ހޯދާފައިވާ އަނެއް ޓީމަކީ އާޖެންޓީނާ އެވެ. ކެމަރޫނަށް ދެއްކި އަށް ރަތް ކާޑުގެ ތެރެއިން ތިން ރަތް ކާޑު ދައްކާފައި ވަނީ އެ ގައުމުގެ މަޝްހޫރު ސޯންގް އާއިލާގެ ތިން ކުޅުންތެރިއަކަށެވެ.
ކްރޮއޭޝިއާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުންނެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ. އަދި ކްރޮއޭޝިއާގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ބަޔާން މިއުނިކަށް ކުޅެމުންދާ ފޯވަޑް މަންޒޫކިޒް އެވެ. އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑު 59 ވަނަ މިނެޓްގައި ފެނުނު އިރު، ފަހު ލަނޑު ފެނުނީ 72 ވަނަ މިނެޓްގަ އެވެ. މަންޒޫކިޗްގެ މި ދެ ލަނޑާއެކު މިހާތަނަށް ވޯލްޑް ކަޕުގެ އެއް މެޗެއްގައި ކްރޮއޭޝިއާ އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ހަމައެކަނި ކުޅުންތެރިޔާ އަށް އޭނާ ވަނީ ވެފަ އެވެ.
މި މެޗުގައި ކެމަރޫންގެ ފަރާތުން އެ ޓީމުގެ ސަޕޯޓަރުން ބަލަން ބޭނުންނުވާ ފަދަ މަންޒަރެއް ވެސް ފެނިގެންދިޔަ އެވެ. މެޗު ނިމެން ދަނިކޮށް، ކެމަރޫންގެ އަސޫ އެކޮޓޯ އަދި މޫކަންޖޯ ވަނީ ހިތްހަމަ ނުޖެހުގެން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ހަމަލާ ދީފަ އެވެ. އެއީ ފަހުގެ ތާރީހެއްގައި ވޯލްޑްކަޕްގައި އެއް ޓީމެއްގެ ދެ ކުޅުންތެރިޔަކު "މާރާމާރީ" ހިންގި ފުރަތަމަ ފަހަރެވެ. އެ ދެ މީހުންގެ "ކޯޅުން" އިތުރަށް ގޯސް ނުވަނީސް އެ ޓީމުގެ އެހެން ކުޅުންތެރިއަކު ވަނީ އެ ހުއްޓުވާފަ އެވެ.
މި މެޗުން 4-0 ލަނޑުން ކްރޮއޭޝިއާ މޮޅުވި ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން އެ ޓީމަށް މަޖުބޫރުވާނެ އެވެ. ގްރޫޕްގެ އެއްވަނައިގައި އޮތް ބްރެޒިލް އާއި މެކްސިކޯ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބުނު އިރު، ކްރޮއޭޝިއާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. މުބާރާތުން ކެޓި ކެމަރޫން އަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކުޅޭ ފަހު މެޗުގައި މެކްސިކޯ އާ ދެކޮޅަށް ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 1:00ގަ އެވެ.