ވޭތުވެދިޔަ ހަ އަހަރު ދުވަހު ފުޓްބޯޅައިގައި "ރަސްކަން" ކުރަމުން އައި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިން "ލަދުވެތި" ގޮތަކަށް މުބާރާތުން ކަޓައިފި އެވެ. ދުނިޔޭގެ އަގުބޮޑު ކުޅުންތެރިންގެ ޓީމު މުބާރާތުން ކަޓުވާލީ ފީފާ ރޭންކިންގައި ޗެންޕިއަން ސްޕެއިނަށް ވުރެ، 13 ދަރަޖަ ފަހަތުގައި އޮތް ޗިލީންނެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ވޯލްޑް ކަޕް ގްރޫޕް "ބީ"ގެ މެޗުން ވަނީ ބާކީ އެއް މެޗު އޮއްވައި ގްރޫޕް ސްޓޭޖް ވެސް ފަހަނަޅައި ނުދެވި، މިރޭ ނެދަލެންޑްސް އަތުން 3-2 އިން ބަލިވި އޮސްޓްރޭލިޔާއާ އެކު މުބާރާތުން ކަޓައިފަ އެވެ.

ސްޕެއިންގެ ކީޕަރު އިކާ ކަސިއަސްއަށް އޮޅުވާލުމަށް ފަހު މެޗުގެ 20 ވަނަ މިނިޓުގައި ޗިލީއަށް ކުރި ހޯދައިދިނީ، އެޑުއާޑޯ ވާގާސް އެވެ. އަދި ސްޕެއިން ގެ ޕެނަލްޓީ އޭރިޔާ ބޭރުން ޗިލީއަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބާރު ހަމަލާ ކީޕަރު ކަސިއަސް ދިފާއުކޮށް ބޭރަށް ފޮނުވާލި ވަގުތު އެ ބޯޅަ އަނބުރާ ގޯލް ތެރެއަށް ފޮނުވާލައިގެން މެޗުގެ 43 ވަނަ މިނިޓުގައި ޗިލީއަށް ލީޑު ފުޅާކޮށްދިނީ ޗާލްސް އަރަންގޭޒް އެވެ.

މި ނަތީޖާއާއެކު ސްޕެއިން ވެގެން ގޮސްފައި ވަނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި އޮވެ ގްރޫޕް ސްޓޭޖް ފަހަނަޅައި ނުދަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ޔޫރަޕުގެ ތިން ވަނަ ގައުމަށެވެ. ފްރާންސް 2002 ވަނަ އަހަރު ދެ ވަނަ ބުރަށް ދަތުރު ނުކުރެވި މެޗަކުން މޮޅު ވެސް ނުވެ ވޯލްޑްކަޕުން ކެޓި އެވެ. އޭގެ ފަހުން 2010 ވަަނަ އަހަރު އިޓަލީއަށް ވެސް ޖެހުނީ ގްރޫޕް ސްޓޭޖުން ކަޓައި އެނބުރި ގައުމަށް ދާށެވެ.

ރީތި ޕާސިންގެ ގޭމެއް ކުޅޭ ޓީމެއްގެ ގޮތޮގައި މަޝްހޫރު ސްޕެއިނަށް މިރޭ، އަވަސް އަދި ވަރުގަދަ ކުޅުމެއް ކުޅެމުން ދިޔަ ޗިލީގެ ކުރިމަތީގައި ކުރި ހޯދަން ވަނީ ނުކުޅެދިފަ އެވެ. އަދި ސްޕެއިން އަތުން ފުރަތަމަ ފަހަރަށް ޗިލީ މޮޅުވި އިރު އެ ޓީމާއެކު ނެދަލެންޑްސަށް ވަނީ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވެފަ ވެފަ އެވެ.

ސްޕެއިނުން ކުދި ޕާސްތަކެއް ދީގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ "ޓިކި-ޓަކަ" ސްޓައިލަށް ޗިލީއަކުން މިރޭ ފުރުސަތެއް ނުދެ އެވެ. ޗިލީން މިރޭ ބޭނުން ކުރީ މިދިޔަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލްގައި ސްޕެއިން 3-0 އިން ބަލިކުރަން ބްރެޒިލް ބޭނުން ކުރި ފޯމިއުލާ އެވެ.

މިރޭގެ މެޗުން ބަލިވެ މުބާރާތުން ސްޕެއިން ކެޓިއިރު ނެދަލޭންޑްސް އަތުން 5-1 ލަނޑުން ލިބުނު ނާކާމިޔާބީއަކީ ފަހުގެ ތާރީހުގައި ސްޕެއިން ޓީމަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ވޯލްޑް ކަޕް މެޗެއްގައި ސްޕެއިން ކޮޅަށް ތިން ލަނޑަށް ވުރެ ގިނައި ވަދެފައި ވަނީ، މީގެ 64 އަހަރު ކުރިން، ބްރެޒިލްއާ ދެކޮޅަށް 1950ގައި އެ ގައުމުގައި ކުޅުނު މެޗުގަ އެވެ. އެ މެޗުން ސްޕެއިން ބަލިވީ 6-1 ލަނޑުންނެވެ.

ވޯލްޑް ކަޕް 2010ގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަންކަން 2008 އަދި 2012 ވަނަ އަހަރު ހޯދި ސްޕެއިން ޓީމުގައި ފުޓްބޯޅައިގެ ސްޕަ ސްޓާރުންގެ ސްކޮޑެއް އޮއްވައި މިފަދަ ގޮތަކަށް މުބާރާތާ ވަކިވާން ޖެހުމުން އެ ޓީމުގެ ކޯޗު ވިސެންޓޭ ޑްލެބޮސްކޭގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.