ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ޖަހައިދިން ލަނޑާއެކު ، ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

ތިން ފަހަރު ވޯލްޑްކަޕް ކުޅެފައިވާ އޮސްޓްރޭލިޔާ މިރޭގެ މެޗުން ބަލިވުމުން، އެ މީހުނަށް ވަނީ މުބާރާތުން ކެޓުމުގެ ބިރުބޮޑުވެފަ އެވެ. މިފަހަރުގެ ވޯލްޑްކަޕްގައި ޖެހިޖެހިގެން ދެ މެޗުން ވެސް އޮސްޓްރޭލިޔާ ބަލިވުމުން، އެ ޓީމު އޮތީ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތި "ކަރުތާފެނުގަ" އެވެ.

ގްރޫޕް ބީގައި ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން 5-1 އިން ބަލިކޮށް ހޯދި ކާމިޔާބީޔާއެކު މިރޭ ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމުލަ ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ލިބިފަ އެވެ. އަދި މިރޭ ޗިލީއާ ދެކޮޅަށް ކުޅޭ މެޗުން ސްޕެއިން މޮޅު ނުވެއްޖެނަމަ ނެދަލެންޑްސްއަށް ދެވަނަ ބުރު ކަށަވަރު ވާނެ އެވެ.

ޕޯޓޯ އަލެގްރޭގެ ބެއިރާ-ރިއޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ނޭވާ ހިފަހައްޓައިލާން ޖެހޭފަދަ މޮޅުކުޅުމެއް ފެނިގެންދިޔަ މެޗުގައި އޮސްޓްރޭލިޔާ ޓީމުން ވަނީ، މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕަށް ވަރުގަދަ ރައްދެއް ދީފަ އެވެ.

ފުރަތަމަ ހާފުގެ 20 ވަނަ މިނިޓްގައި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ނެދަލެންޑްސްއަށް ކުރި ހޯދައި ދިނީ ބަޔާން މިޔުނިކްގެ ވިންގާ އާރްޔަން ރޮބޭން އެވެ. އޮސްޓްރޭލިޔާ ހާފްގެ މެދު ތެރެއިން ރޮބޭންއަށް ލިނު ބޯޅަ ހިފައިގެން އެޓީމުގެ ޑިފެންޑަރުން ކަޓުވާލާފައި ޕެނަލްޓީ އޭރިޔާ ތެރއަށް ވަދެ ރޮބޭން ކާމިޔާބުކުރި އެ ހިތްގައިމު މޮޅު ލަނޑަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

ނެދަލެންޑްސް އިން ލަނޑުޖަހައި މެޗުގެ ކުރި ހޯދިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި އޮސްޓްރޭލިޔާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރޮބޭންގެ ލަނޑާއެކު ނެދަލެނޑްސްގެ އުފާފާޅުކުރުން ނުނިމި އުޅެނިކޮށް އެޓީމުގެ ގޯލަށް ބޯޅަ ވައްދާލައި އޮސްޓްރޭލިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެވަޓަންގެ ކުރީގެ ތަރި ޓިމް ކޭހިލްއެވެ. ކޭހިލްގެ މި ލަނޑާއެކު އޭނާ ވަނީ އޮސްޓްރޭލިޔާއަށް ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގައި ލަނޑު ޖަހައިދީފައެވެ.

ފުރަތަމަ ހާފްގެ ކުޅުން އެއްވަރު 1-1 ދެޓީމު އެއްވަރުވެ ނިމިފައިވާ އިރު، ދެވަނަ ހާފް ފެށިގެން 54 ވަނަ މިނިޓްގައި އޮސްޓްރޭލިޔާ ވަނީ ނެދަލޭންޑްސް ސިއްސުވާލުމަށް ފަހު މެޗުގެ ކުރި ހޯދައިފަ އެވެ. އޮސްޓްރޭލިޔާގެ އޮލިވާ ބޮޒަނިޗް ނެދަލެންޑްސްގެ ޕެނަލްޓީ އޭރިޔާތެރެއިން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑިފެންޑަރު ޑެރީލް ޖަންމާތުގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ އޮސްޓްރޭލިޔާއަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ އޮސްޓްރޭލިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޖެޑިނަކް އެވެ.

އޮސްޓްރޭލިޔާއާ އަޅާ ބަލާއިރު ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ނެދަލެންޑްސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ، 58 ވަނަ މިނިޓްގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮބިން ވެން ޕަ ސީ އެވެ. މި ލަނޑާއެކު 2012 ވަނަ އަހަރު ލުއިސް ވެންހާލް ނެދަލެންޑްސްގެ ކޯޗު ކަމާ ހަވާލު ވި ފަހުން އެޓީމު ކާމިޔާބުކުރި ލަނޑުގެ 30 ޕަސެންޓް ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ 56 ލަނޑުގެ ތެރެއިން 17 ލަނޑެވެ.

ނެދަލޭންޑްސްގެ ވަރުގަދަ ކުޅުންތެރިންގެ ކުރިމަތީގައި ކުޑަކޮށް ވެސް ފަސް ނުޖެހި ހިތްވަރާ އެކު ކުޅެމުން ދިޔަ ސޮކަރޫސް މެޗުން ބަލިވި ލަނޑު އެޓީމުގެ ގޯލަށް ވައްދައިލީ މެޗުގެ 68 ވަނަ މިނިޓްގައި ޑިޕާއި އެވެ. ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޑިޕާއި ކާމިޔާބު ކުރި މި ލަނޑަކީ އޭނާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި 20 އަހަރާ ހަތަރު މަހުގެ އެ ކުޅުންތެރިޔާ ވެގެން ގޮސްފައި ވަނީ މިހާތަނަށް ނެދަލެންޑްސް ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.