އެމްޑީޕީން ބޭނުންވާ ތިން ކޮމެޓީން ހަތަރު ޖާގަ ނުލިބޭގޮތަކަށް ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ދޫނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އެ ޕާޓީން ބޭނުންވަނީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ހަތަރު ޖާގަކަމަށެވެ. ސަބަބަކީ އެއިން ކޮންމެ ކޮމެޓީއަކުން ހަތަރު ޖާގަ ނުލިބި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެޕާޓީން ކުރަންބޭނުންވާ ކަންތައް ނުކުރެވޭނެތީ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަންބޭނުންވާ މަސައްކަތްތައް ނުކުރެވޭނެ އަޅުގަނޑުމެން ބޭނުންވާ ކޮމެޓީތަކުން، ކޮންމެ ކޮމެޓީއަކުން ހަތަރު ޖާގަ ނުލިބެނީސް. އެހެންވީމަ އެއީ ދޫކުރެވޭނެ ކަމެއް ނޫން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެމްޑީޕީއާ ބައްދަލުކުރަން އެދިފައިވާ ކަމަށާއި އެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11:00 ގައި ކަމަށެވެ. އެ ބައްދަލުވުމުގައި ވެސް އެމްޑީޕީން ވަކާލާތު ކުރާނީ އެޕާޓީން މިހާރުވެސް ނިންމާފައިވާ ގޮތަށް، ތިން ކޮމެޓީން ހަތަރު ޖާގާ ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.