18 Jun 2014, 21:42
ދިރާގު ދިވެހި ލީގުގައި މިއަދު ކްލަބު ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. މެޗުގެ ކުރީކޮޅުގައި ވެލެންސިއާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މެޗުގެ ނުވަ ވަނަ މިނެޓްގައި ނަވާއު ފޮނުވާލި ހަމަަލާގައި ބާރެއް ނެތުމުގެ ސަބަބުން އެ ބޯޅަ ވިކްޓަރީގެ ގޯލަށް ވައްދާލެވިފައެއް ނުވެއެވެ.
މެޗުގެ 19 ވަނަ މިނެޓްގައި ވެލެންސިއާގެ އާފިއު މުހައްމަދަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ވިކްޓަރީގެ ޑިފެންޑަރުން ކަޓުވައިލުމަށް ފަހު، އާފިއުއަށް އަބްދުﷲ މުއާޒް ދިން ބޯޅައިގެ ބޭނުން އާފިއު އަށް ހިފިފައެއް ނުވެއެވެ.
މެޗުގެ 24 ވަނަ މިނެޓްގައި ވިކްޓަރީގެ ޝިނާޒް ހިލްމީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައި ވެއެވެ. ޝިނާޒް ފޮނުވާލި އެ ހަމަލާގެ ހުރަހަކަށް ވީ ވެލެންސިއާގެ ކީޕަރު އިބްރާހިމް އިފްރާހް އަރީފެވެ.
މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާ އަދި ވިކްޓަރީގެ ފަރާތުން ވެސް ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ދެވަނަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ބޯޅަ ކޮންޓްރޯލް ކޮށްގެން ގެންގުޅެވިފައި ނުވާއިރު، ރަނގަޅު ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ.
މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މާދަމާ ހަވީރު 4:00ގަ އެވެ.