އެކްސްއެލް އެނާޖީ ލިމިޑެޓް އޯވާ ކްރިކެޓް މުބާރާތުގެ ފަސްވަނަ މެޗް އޮފް އެފްސީ ބަލިކޮށް މާލޭ ސްޕޯޓްސް ކްލަބް ބީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ބީ ކުޅެން އަރައި 40 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 160 ލަނޑެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 55 ލަނޑު ހެދި ސާމީ ރިޒާޔާއި 38 ލަނޑުހެދި އަހްމަދު ހަސަން ސޯބިރުއެވެ.

އޮފް އެފްސީ ކެޕްޓަން އާދަމް ނާސިފު، އަށް އޯވަރު 16 ލަނޑަށް ފަސް ވިކެޓްނެގި އެވެ. މެންދުރަށް ކުޅުން ހުއްޓާލިއިރު އޮފް އެފްސީ ވަނީ، އަށް އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނު 29 ލަނޑު ހަދައިފައެވެ. ނަމަވެސް މެންދުރުފަހު ކުޅުން ފެށުމާއި އެކު އޮފް އެފްސީގެ ވިކެޓްތަށް ދާން ފެށިއެވެ. އަދި މެޗުގައި ތިން އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައި ވިއެވެ. އޮފް އެފްސީން އެންމެ ރަގަޅަށް ކުޅުނީ 29 ލަނޑުހެދި އައިހަމް ތުސާރުއާއި 15 ލަނޑު ހެދި ސަކީ އެވެ.

މާލޭ ސްޕޯޓްސް ކްލަބް ބީއިން އެންމެ ރަގަޅަށް އުކީ ޓީމްގެ ކެޕްޓަން އަބްދުﷲ ޒިޔާދު އެވެ. އޭނާ ވަނީ ހަތް އޯވަރު ތެރޭގައި 10 ލަނޑަށް ހަ ވިކެޓް ނަގައިފައެވެ.

މުބާރާތުގެ ކުޅުން ދެން އޮންނާނީ ހުކުރު ދުވަހު އެވެ. ފައިނަލުގައި މާލޭ ސްޕޯޓްސް ކުލަބް ބީއާ ދެކޮޅަށް ނުކުންނާނީ ސީބީއެލް ސްޕޯޓްސް އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހެދުނު 8:00 ގައެވެ.