ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔަ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ބުނެ، މާބަންޑު އަންހެނަކު ގެއަށް ފޮނުވާލިތާ 24 ގަޑިނުވަނީސް ދަރިފުޅު ބަނޑަށް މަރުވެ، މަންމަގެ ގައިން ލޭ މަނާނުވެ، ސީރިއަސް ހާލަތަކަށް ވެއްޓިއެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ މާބަނޑު އަންހެން މީހާގެ ފިރިމީހާ "ސަން" އަށް ބުނީ، އަންހެނުން ބަނޑުބޮޑުވީއްސުރެއް ޑޮކްޓަރަށް ދައްކަމުން ދިޔަ ކަމަށެވެ. އިއްޔެ މެންދުރު ވެސް ޑޮކްޓަރަށް ދެއްކުމުން ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް ފިރިމީހާ ބުންޏެވެ.

"އާދައިގެ މަތިން އިއްޔެ މެންދުރު ވެސް ޑޮކްޓަރަށް ދައްކަން ދިޔައީ. ދެން ސްކޭން ހަދާލައިފައި ބުނީ ކުއްޖާ ވެސް ރަނގަޅޭ އަންހެނުން ވެސް ރަނގަޅޭ. ދެން އަންނާށޭ ވިހަން ދީފައި އޮތް ދުވަހު. އެއީ މި މަހުގެ 24 ވަނަ ދުވަހު،" އޭނާ ބުންޏެވެ.

އޭނާ ބުނީ، ރޭ ފަތިހު އަންހެނުންގެ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓުތައް ހެދުމަށް ފަހު ބަނޑަށް ދަރިފުޅު މަރުވެފައިވާ ކަމަށެވެ. ބަނޑަށް މަރުވި ދަރިފުޅު ވިހާފައި ވަނީ މިއަދު ހެނދުނު 9:30 ގައެ ވެ.

އޭނާގެ އަންހެނުން ވިހެއުމާ އެކު ވަރަށް ގިނައިން ހަށިގަނޑުން ލޭ ބޭރުވި ކަމަށާއި "ލޭ ބޭރުވުން ހުއްޓުވުމަށް ބޭނުންވާ ލޭ"ގެ ބާވަތެއް ހޮސްޕިޓަލުގައި ނެތުމުން އެ ލޭ ހޯދުމަށް އައިޖީއެމްއެޗްގައި އެދިގެން މިއަދު އިރުއޮއްސުނު އިރު ވަނީ ލިބިފަ އެވެ.

"އަންހެނުންގެ ގައިން ލޭ މަނާ ނުވެގެން ލޭ އަޅަން ޖެހުނީ. ދެން ކުރިން ހޮސްޕިޓަލުން ބުނެގެން ތިން ޑޯނަރުން ހޯދާފައިވަނީ. މިހާރު ތިން ވަނަ ޕެކެޓް ލޭ އަޅަމުން އެ ދަނީ. ހަތަރު ވަނަ ޑޯނަރު ޓެސްޓުކޮށްފައި ވަނީ،" ފިރިހެން މީހާ ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން މިއަދު "ސަން" އަށް ވިދާޅުވީ، ދަރިފުޅު ބަނޑުތެރެއަށް މަރުވުމުގެ ކުރިން ހޮސްޕިޓަލަށް ދެއްކިއިރު، ދެ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ދެމައިންގެ ހާލު ރަނގަޅު ކަމަށް ދެއްކީ "ހޮސްޕިޓަލުން މިހާރު ލިބެން ހުރި ވަސީލަތްތަކުން" ކަމަށް މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިފުޅު ބަނޑުތެރެއަށް މަރުވެފައިވާ ކަމަށް ބެލެވެނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

"ރޭ ފަތިހު ބޭބީގެ ތޮޅުން ހުއްޓިގެން މިކޮޅަށް ގެނައީ. ގެނައި އިރު އެޔޮތީ މަރުވެފައި،" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލު ގޯސްވެފައިވާ އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މާދަމާ ހެނދުނު އޭނާ މާލެ ގެންނާނެ ކަމަށެވެ.

އަންހެން މީހާގެ ފިރިމާހާ ބުނީ، ދަރިފުޅު މަރުވި މައްސަލާގައި ހޮސްޕިޓަލުގެ އަދި ޑޮކްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ. ނަމަވެސް އަންހެނުންނަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާ ހޮސްޕިޓަލުން ނުދެވި ލަސްވި ކަަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.