18 Jun 2014, 18:55
ސޯޝަލް މީޑިއާ އާއި ދުނިޔޭގެ ކުޅިވަރު ނޫސްތަކުގެ ފަލަ ސުރުހީ ތަކުގައި "ފަތުއަޑު" ކިޔާފައި ރެއާއި މިއަދު އެނބުރެމުން ދިޔަ އެއް ހަބަރަކީ، އާޖެންޓީނާގެ ސުޕަ ސްޓަރ ލިއޮނަލް މެސީ، ކުޑަ ކުއްޖަކާ ސަލާމް ނުކޮށް އެ ކުއްޖާ ހިތުގައި ޖައްސާފައި ދިޔަ ވާހަކަތަކެވެ. ނަމަވެސް މެސީ ވަނީ އެއީ އޭނާ އެނގިހުރެ ގަސްތުގައި ކުރި ކަމެއް ނޫންކަމަށް ބުނެފަ އެވެ.
މިހާރު ބްރެޒިލްގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ޗޭންޖިން ރޫމުން ނުކުމެގެން ޓީމުގެ ކުޅުންތެރިންނާ އެކު މެސީ އައި ވަގުތު އެތަނުގައި ހުރި "މެސްކޮޓް ބޯއީ"އެއް މެސީއާ ސަލާމް ކުރަން އަތް ދިއްކޮށްލާ މަންޒަރު ސޯޝަލް މީޑީއާގައި ދައުރު ވަމުންދާ ވީޑީއޯއިން ފެނެ އެވެ. އެ ކުއްޖާއާ ސަލާމް ކުރުމުގެ ބަދަލުގައި އެ ވަގުތު މެސީ ސަލާމްކުރުމަށް އަތް ދިއްކޮށްލަނީ މެޗު އޮފިޝަލާ ދިމާއަށެވެ.
ފަހުން މެސީ ވަނީ އެކުއްޖާ ހޯދައި އާޖެންޓީނާގެ ޖާޒީގައި އެކުއްޖާއާ އެކު ފޮޓޯ ނަގައި ވަގުތު ހޭދަކޮށްފައެވެ. އެހެން ނަމަވެސް ހޯމަ ދުވަހު އޮތް ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިން ވަނީ އެކަމާ ބެހޭގޮތުން މެސީއަށް ސުވާލު ކުރިމަތި ކޮށްފައެވެ.
"ކީއްވެ އަހަރެން ކުޑަ ކުއްޖަކާ ސަލާމް ކުރަން ބޭނުން ނުވާންވީ،" މެސީ ބުންޏެވެ. "އަހަރެންނަށް އެކުއްޖާ އަޅައި ނުގަތީ. އެނޫނަސް ލައިނުގައި ތިބި ދެކުއްޖަކާ އަހަރެން ވާހަކަ ވެސް ދެއްކިން،"
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ، އަދި ގިނަ ބައެއްގެ ލޯތްބާއި ގަދަރު ހޯދާފައިވާ އާޖެންޓީނާ ކެޕްޓަން ބުނީ، އޭނާއަކީ ވެސް އާއިލާއެއް ވެސް އޮތް މީހެއް ކަމަށާއި އަދި ތުއްތު ކުދިން ދެކެ އިންތިހާއަށް ލޯބި ވާ މީހެއް ކަމަށެވެ.
"އަހަރެން އެފަދަ ކަމެއް ނުކުރާނެ، އަހަރެންގެ ވެސް އެވަރުގެ ފިރިހެން ކޮއްކޮއަކާއި އަދި ކުޑަ ފިރިހެން ދަރިޔަކު ވެސް އެބަހުރި. އެހެން ވީމަ އެފަދަ ކުޑަ ފިރިހެން ކުއްޖަކާ މެދު އަހަރެން ކިހިއްނެއް އެގޮތަށް ކަންތައް ކުރާނީ،" ނޫސްވެރިންގެ ސުވާލަށް ޖަވާބުދެމުން އަސަރާއެކު ބާސާ ފޯވާޑް ބުންޏެވެ.
މެސީ އެ ކުޑަ ކުއްޖާއާ ސަލާމް ނުކޮށްދާ މަންޒަރު ނަގާފައިވާ ވީޑިއޯ މިތާނގައި ހިމަނައިލާނަމެވެ. އަހަރެމެން ގަބޫލުކުރަންވީ އެއީ މެސީ ގަސްތުގައި ކުރިކަމެއް ކަމަށް ހެއްޔެވެ؟ ނޫނެކެވެ. ހަމަ ޔަގީނުން ވެސް މެސީ ފަދަ ހިތްތިރި ކުޑަކުދިންގެ ހައްގުގައި މިހާރު ވެސް އެކި ފެންވަރުގައި މަސައްކަތްކުރާ ފަންނާނަކު އެފަދަ ކަމެއް ގަސްތުގައި ކުރާނެކަމަށް ގަބޫލެއް ނުކުރެވެ އެވެ. މެސީ ކުޑަކުއްޖަކު ހިތުގައި ޖައްސައި ރޮއްވައިލާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.