ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މެންދަމު 12:00ގައި ސްޕެއިންއާއި ޗިލީ ވާދަކުރާ އިރު މި މެޗު އެތައް ގޮތަކުން ސްޕެއިނަށް މުހިއްމެވެ. ސްޕެއިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ނެދަލެންޑްސް އަތުން ބަލިވެފައެވެ. ޗިލީ ވަނީ އޮސްޓްރޭލިޔާ އަތުން 3-1 މޮޅުވެފައެވެ. މި މެޗުން ސްޕެއިން މޮޅުވުން ނޫން ނަތީޖާއެއް ނެތެވެ. މި މެޗުން އެއްވަރުވެގެން ނިމުނު ކަމުގައި ވިޔަސް މުބާރާތުގައި އިތުރަށް ކުރިޔައް ދިއުމުގައި ސްޕެއިނަށް ހުރަސްތަކެއް ކުރިމަތި ވާނެއެވެ. ޗިލީއަށް މޮޅަކާއެކު މުބާރާތުގެ ދެވަނަބުރު ކަށަވަރުވުން ގާތެވެ.

ނެދަލެންޑްސް އަތުންވީ ބޮޑު ބައްޔާއެކު މި މެޗާ ކުރިމަތި ލާއިރު ވަރަށް ބޮޑެތި ބަދަލުތަކެއް ސްޕެއިން ޓީމުން ފެނުމުގެ ފުރުސަތު ބޮޑެވެ. ނެދަލެންޑްސް މެޗުގައި ދެއްކި ފީކަޅާ ކުޅުމުގެ ސަބަބުން މިރޭގެ މެޗުން އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު އީކާ ކަސިއަސްއަށް ފުރަތަމަ އެގާރައިން ޖާގަ ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިރޭ ސްޕެއިންގެ ގޯލް ބަލަހައްޓާނެ ކަމަށް ލަފާކުރެވެނީ ލިވަޕޫލްގެ ގޯލް ކީޕަރު ޕެޕޭ ރެއިނާ އެވެ. އަދި ހަމަ އެހެންމެ ޕެޑްރޯއާއި ހާވިއާ މާޓިނޭޒްއާއި ފެނާންޑޯ ޓޮރޭޒް އަދި ފެބްރިގާސް ފަދަ ކުޅުންތެރިންނަށް މިރޭ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެ ކަމަށް ގަބޫލް ކުރެވެއެވެ.

ޗިލީއަށް ބަލައިލާއިރު އެޓީމު އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅެ މޮޅުވި މެޗްގެ ފުރަތަމަ އެގާރަ ނެރޭކަމަށް ލަފާ ކުރެވެއެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަހުރި އެޓީމުގެ މެދުތެރެއަށް ކުޅޭ އަރްތޫރޯ ވިދާލް އަނިޔާއިން ރަގަޅު ވުމަށް ފަހު މިރޭ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު ބޮޑެއެވެ.

* ދެ ޓީމުގެ ކުރިމަތިލުންތައް

ފާއިތުވި އަހަރު ތަކުގައި މި ދެ ޓީމު 10 ފަހަރު ބައްދަލު ކޮށްފައި ވާއިރު ޗިލީއަކަށް ސްޕެއިންގެ މަށްޗަށް ކުރި ހޯދިފައެއް ނުވެއެވެ. 2 މެޗް އެއްވަރުވެގެން ނިމުނު އިރު 8 މެޗުން ޗިލީ ވަނީ ބަލިވެފައެވެ. އެންމެ ފަހުން ވޯލްޑް ކަޕްގައި ވާދަކުރި ދެ މެޗުން ވެސް ކުރި ލިބުނީ ސްޕެއިނަށެވެ.

* ސްޕެއިން

ސްޕެއިން ޖެހިޖެހިގެން ދެމެޗުން އެންމެފަހުން ބަލިވެފައި ވަނީ 2006 ވަނަ އަހަރު އެވެ. ނެދަލެންޑްސް އަތުން 5-1 ބަލިވުން އެއީ ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި ޓީމަކުން ތާރިހުގައި ބަލިވި ތަފާތު ބޮޑު ނަތީޖާއެވެ.

* ޗިލީ

ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެންޕިއަނުންނާ ދެ ފަހަރަކު ވާދަކޮށް ޗިލީވަނީ ބަލިވެފައެވެ. އެއީ 1962 ވަނަ އަހަރާއި 1998 ވަނަ އަހަރެވެ. 1962 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗިލީ ވަނީ ވޮލްޑް ކަޕް މެޗެއްގައި ތިން ގޯލް ޖަހައިފައެވެ.