18 Jun 2014, 17:03
ޕިޔޮންގްޔަންގް (ޖޫން 18) : ކޮންޕިއުޓަރުގެ އެހީގައި އަމާޒަށް ވާސިލް ވުމުގެ ގާބިލް ކަން ލިބިފައިވާ ކްރޫޒް މިސައިލެއް އުފެއްދުމުގައި އުތުރު ކޮރެޔާ ކާމިޔާބު ހޯދައިފި އެވެ.
އުތުރުކޮރެޔާ މިކަން ހާމަކޮށްފައި ވަނީ އެގައުމުގެ މިސައިލް ޓެކްނޮލޮޖީގެ ރީސާޗްތައް ދައްކާލުމުގެ ގޮތުން އުތުރު ކޮރެޔާ ސަރުކާރުން ނެރެފައިިވާ ވީޑިޔޯ ޓޭޕެއްގަ އެވެ. މިޓޭޕްގައި އުތުރު ކޮރެޔާއިން ތަރައްގީކުރި ކުރުރާސްތާގެ ކްރޫޒް މިސައިލެއް ކޮންޕިއުޓަރުގެއެހީގައި އުދުއްސާލައި އޭގެ އަމާޒަށް ވާސިލްވާތަން ދައްކާލާފައިވެ އެވެ.
ތަޖްރިބާކާރުން ދެކޭގޮތުގައި އުތުރު ކޮރެޔާއިން އީޖާދުކުރި މި ކްރޫޒް މިސައިލަކީ 2003 ވަނަ އަހަރު ރަޝިޔާ އިން އުފައްދާފައިވާ ކޭއެޗް 35 މަރުކާގެ ކްރޫޒް މިސައިލާ ވަރަށް އެއްގޮތް މިސައިލެކެވެ. ބެލަސްޓިކް މިސައިލާ ޚިލާފަށް ކްރޫޒް މިސައިލަކީ ކޮންޕިއުޓަރުގެ އެހީގައި އަމިއްލަ އަށް މިސްރާބު ހޯދައިގެން އޭގެ އަމާޒަށް އެންމެ ފުރިހަމަ ގޮތުގައި ވާސިލް ވުމުގެ ގާބިލްކަން ލިބިފައިވާ ސްމާޓް މިސައިލެކެވެ.
ކްރޫޒް މިސައިލް ޓެކްނޮލޮޖީގެ ގާބިލްކަން ލިބިފައި ވަނީ ވަރަށް މަދުގައުމުތަކަކަށެވެ. އެމެރިކާ އިން 2008 ވަނަ އަހަރުގައި ވަނީ އުތުރުކޮރެޔާ އިން ކްރޫޒް މިސައިލްގެ ޓެކްނޮލޮޖީގެ ރީސާޗްތައް ކުރިޔަށްގެންދާކަން ހާމަކޮށްފަ އެވެ. ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނާ ގޮތުން އުތުރުކޮރެޔާ މިހާތަނަށް އުފައްދާފައި ވަނީ ކުރުރާސްތާގެ ކްރޫޒް މިސައިލެކެވެ.
އުތުރު ކޮރެޔާއިން ކްރޫޒް މިސައިލެއް އުފެއްދުމަކީ އެގައުމުގެ މިސައިލް އަދި ރޮކެޓް ޓެކްނޮލޮޖީ އިތުރު ހަރުފަތަކަށް މައްޗަށް ދިޔަކަން ހާމަވެގެންދާ ކަމެއް ކަމަށް މިއީ އުތުރުކޮރެޔާގެ އަވަށްޓެރި ގައުމުތަކާއި އެމެރިކާ އިތުރަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށް އުތުރުކޮރެޔާގެ ކަންތައްތަކާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޖެފްރީ ލުއިސް ވިދާޅުވި އެވެ. (ރޮއިޓާސް)