ބަޣްދާދު (ޖޫން 18) : އިރާގު ބައިބައިކޮށްލުމަށާއި އިރާގުގައި ބޮންގޮއްވުމުގެ އަމަލުތައް ހިންގަމުންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގެ ފަހަތުގައި ސައޫދީ އަރަބިޔާ ވާކަމަށް އިރާގު ސަރުކާރުން ފުރަތަމަ ފަހަރަށް ތުހުމަތުކޮށްފި އެވެ.

އިރާގުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ އޮފީހުން ނެރުނު ބަޔާނެއްގައި އިރާގުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އެހީވާކަމުގެ ތުހުމަތު ސަރީޙަ ގޮތެއްގައި ސައޫދީ ސަރުކާރުގެ މައްޗަށް ކޮށްފައިވެ އެވެ. މިއީ އިރާގުގައި ހިނގަމުންދާ މަޛްހަބީ ތަޅާފޮޅުން ތަކަށް ހިއްވަރު ދިނުމާއި އިރާގު ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގަމުންގެންދާ ޓެރަރިޒަމްގެ އަމަލުތަކަށް މާލީ ގޮތުން އެހީތެރިވާ ކަމުގެ ކަމުގެ ތުހުމަތު އިރާގުން ސައޫދީ އަރަބިޔާގެ މައްޗަށް ރަސްމީ ސިފައެއްގައި ކުރި ފުރަތަމަ ފަހަރެވެ.

އިރާގުގައި ހިނގަމުންދާ ހަމަނުޖެހުން ތަކަށާއި އެގައުމު ބައިބައި ކޮށްލުމަށް ހަނގުރާމަވެރި ޖަމާއަތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސައޫދީ ސަރުކާރުން ހިއްވަރުދޭ ކަމަށް ތުހުމަތު ކުރައްވައި މީގެކުރިން އިރާގުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ވާހަކަ ދައްކަވާފައިވެ އެވެ. ނަމަވެސް އިރާގުގައި ހިންގަމުންގެންދާ ޓެރަރިޒަމްގެ އަމަލުތަކަށް ސައޫދީ ސަރުކާރުން ފާޅުގައި އެހީތެރިވާ ކަމުގެ ތުހުމަތުކޮށް އިރާގު ސަރުކާރުން އިއްޔެ ނެރުނު ފަދަ ރަސްމީ ބަޔާނެއް މީގެކުރިން އިރާގުން ނެރެފައެއްނުވެ އެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމުގައި ސައްދާމް ވެސް ވަނީ އެމެރިކާއާ ގުޅިގެން އިރާގުގައި ހަމަނުޖެހުން ހިންގުމަށް ހިއްވަރުދޭ ކަމުގެ ތުހުމަތު ސައޫދީ އަރަބިޔާގެ މައްޗަށް އެތަށް ފަހަރަކު ކުރައްވާފަ އެވެ. އަދި ސައްދާމް ގެ ސުންނީ ސަރުކާރު ވައްޓާލުމަށް އެމެރިކާ އިރާގާ ދެކޮޅަށް ކުރި ހަނގުރާމައަށް ފާޅުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށްޓަކައި ބިން ބޭނުން ކުރުމުގެ ހުއްދަ ދިން އަރަބި ދެ ގައުމުގެ ތެރޭން އެއްގައުމަކީ ވެސް ސައޫދީ އަރަބިޔާ އެވެ.

އިރާގުގެ އިތުރުން އަރަބި އެހެން ބައެއް ގައުމުތައް ކަމަށްވާ ސޫރިޔާއާއި ލީބިޔާއާއި މިސްރުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެ އެގައުމުތަކުގެ އެކި ޖަމާއަތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްެދެމުން ގެންދާކަމުގެ ތުހުމަތު ވެސް ސައޫދީ އަރަބިޔާގެ މައްޗަށް ވަނީ ކުރެވިފަ އެވެ. މިގޮތުން މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށް އެގައުމުގެ ކުރީގެ ސިފައިންގެ ވެރިޔާ އަބްދުލްފައްތާޙް އައްސީސީ ގެނައި އަސްކަރީ އިންގިލާބުގެފަހަތުގައި އޮތް ކަމުގެ ތުހުމަތާއި ލީބިޔާގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތްތައް ނައްތާލުމަށް ހަރަކާތްތެރިވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށް ދޭކަމުގެ ތުހުމަތު ވެސް ސައޫދީންގެ މައްޗަށް ވަނީ ކުރެވިފަ އެވެ. މީގެ އިތުުރުން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާއާ ގުޅިގެން އެހީތެރިވާ ކަމުގެ ތުުހުމަތު ވެސް ސައޫދީންގެ މައްޗަށް ކުރެވިފައިވެ އެވެ.

އިރާގުން ސައޫދީ އަރަބިޔާގެ މައްޗަށް ޓެރަރިޒަމަށް އެހީވާ ކަމުގެ ތުހުމަތުތައް ކޮށްފައިވާ އިރު އިރާގުގެ ސުންނީންނާމެދު ތަފާތުކުރާ ކަމުގެ ތުހުމަތު ސައޫދީ ސަރުކާރުން ވަނީ އިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ މައްޗަށްކޮށްފަ އެވެ. އަވަށްޓެރި އީރާނުގެ މަދަދުލިބޭ އިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ސަރުކާރު ވައްޓާލައި އިރާގާއި ޝާމްކަރާގައި އިސްލާމީ ޚިލާފަތެއް ގާއިމް ކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ކުރިމަތީގައި އިރާގު ސިފައިންގެ ލަޝްކަރުތައް ރޫޅިގެން ދިޔުމުގެ ސަބަބުން އިރާގުގެ އުތުރުގެ ބޮޑު ބައެއްވަނީ އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގޮސްފަ އެވެ.

އަނެއްކޮޅުން "ދާޢިޝް"ގެ ހަނގުރާމަވެރިން ބަޣްދާދު ހިފައި އިރާގު ސަރުކާރު ވައްޓާލުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ޓަކައި އެޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދޭން ރާވަމުން ގެންދާކަން އެމެރިކާ ވަނީ ހާމަކޮށްފަ އެވެ. އަދި އިރާގުގައިވާ އެމެރިކާގެ އެންބަސީއާއި އެނޫން ވެސް މަސްލަހަތުތައް ހަނގުރާމަވެރިންގެ ކިބައިން ސަލާމަތް ކުރުމަށްޓަކައި އެމެރިކާގެ ޚާއްސަ ބާރުތަކަށް ނިސްބަތްވާ ސިފައިންގެ 275 މީހުން އިރާގަށް ފޮނުވުމަށް ނިންމިކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ކޮންގްރެސްއަށް އަންގަވާފަ އެވެ. އިރާގުގެ ހާލަތު މިހާރު އޮތްގޮތުން އިރާގުގެ ހަނގުރާމަވެރިން ކޮންޓްރޯލްކޮށް އެގައުމު ބައިބައިވުމުން ސަލާމަތް ކުރުމަށްޓަކައި އެމެރިކާ އަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ.

އިރާގުގެ އުތުރުގެ ކުރުދިސްތާން ސަރަހައްދުގެ ބޮޑުވަޒީރު ނިޖްރިފާން ބަރަޒާނީ އިއްޔެ ވިދާޅުވީ އިރާގުގެ އުތުރުގެ ބޮޑުބައެއް ހިފައިގެން އުޅޭ "ދާއިޝް"ގެ ހަނގުރާމަވެރިން އެސަރަހައްދުތަކުން ބޭރުކޮށް ކުރީގެ ހާލަތަށް ދެން އެސަރަހައްދުތައް ގެނައުމުގެ ފުރްސަތު ވަރަށް ކުޑަކަމަށާ އިރާގު މިސްރާބު ޖަހާފައި ވަނީ ބައިބައިވެ ރޫޅިގެން ދިޔުމަށް ކަމުގަ އެވެ. މިގޮތުން އިރާގު ތިންބަޔަށް ބައިވެ ކުރުދީ ދައުލަތަކާއި ޝިޔައީ ދައުލަތަކާ އަދި ސުންނީ ދައުލަތެއް އިރާގުގައި އުފެދިގެން ދިޔުމުގެ މަލަމަތި މިހާރު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން މާލިކީގެ ވެރިކަމުގެ ނިޒާމާއި އިރާގުގެ ޝިޔައީން ހިމާޔަތް ކުރިނަމަވެސް އިރާގުގެ ސުންނީން އެމީހުންނަށް ޚާއްސަ ވަކިދައުލަތެއް އިރާގުގައި އުފައްދާނެ ކަމަށްވަނީ ބެލެވިފަ އެވެ. އިރާގުގެ ސުންނީންނަށް ނުރައްކާވެފައިވާތީ ސުންނީންގެ ތެރޭގައި ހިމެނޭ ލާދީނީ ފިކުރުގެ މީހުންނާއި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތްތައް ވެސް މާލިކީގެ ސަރުކާރާ ދެކޮޅަށް ދަނީ ގުޅިގެން ހަނގުރާމަ ކުރަމުންނެވެ. މީގެ ތެރޭގައި ސައްދާމް ޙުސައިންގެ އިލްމާނީ ފިކުރުގެ ބަޢްޘު ޕާޓީއަށް ނިސްބަތްވާ މީހުންނާއި ސައްދާމްގެ ދުވަސްވަރު އިރާގު ސިފައިންގެ ތެރޭގައި ހަރަކާތްތެރިވި މީހުންނާއި އިރާގުގެ ސުންނީ ގަބީލާތައް ވެސް ހިމެނެ އެވެ.

އަނެއްކޮޅުން އިރާގުގެ ޝިޔައީ ގަބީލާތަކާއި ޝިޔަޢީ ވޮލަންޓިޔަރުން ގެންދަނީ މާލިކީގެ ސަރުކާރު ދިފާއު ކުރުމަށް ސުންނީ ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. މިޙާލަތުގައި އިރާގު ރޫޅިގެން ދިޔުމުން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ އެގައުމުގެ ސުންނީންނާއި ޝިޔައީންނާއި ކުރުދީންނާ ދެމެދު ފުޅާދާއިރާއެއްގައި ސުލްހައިގެ ވާހަކަތައް ދައްކައިގެން އެއްބަސްވުމަކާ ހަމައަށް ދިޔުން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. މިކަން ނުކުރެވިއްޖެ ނަމަ ސުންނީ ދައުލަތަކާއި ޝިޔައީ ދައުލަތަކާ އަދި ކުރުދީ ދައުލަތަކަށް އިރާގު ބައިބައި ވެގެންދާނެކަމީ ޝައްކެތް ހުރި ކަމެއްނޫން ކަަމަށް އިރާގުގެ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެ އެވެ.

އިރާގުގައި އެމެރިކާއާއި އީރާނުގެ މަސްލަހަތު ގުޅިފައިވާއިރު ސޫރިޔާ، ލީބިޔާ އަދި މިސްރުގައި އެމެރިކާގެ މަސްލަހަތު ގުޅިފައިވަނީ ސައޫދީ އަރަބިޔާ އާ ކަމަށާ އަރަބި ގައުމުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި ދާޚިލީ ހަމަނުޖެހުންތަކުގައި ކޮންމެ ގައުމަކުން ވެސް އިސްކުރަނީ އެގައުމުގެ އަމިއްލަ މަސްލަހަތު ކަމަށް މުހައްލިލުން ވިދާޅުވެ އެވެ.(ނޫސްއެޖެންސީތައް)