18 Jun 2014, 15:22
އެހެން އަހަރުތަކެކޭ އެއްފަދައިން އެސްޓީއޯ އިން މިއަހަރު ވެސް ބާއްވަން ހަމަޖައްސާފައިވާ "އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް 2014"ގައި ބައިވެރިވެ، ފޯމު ހުށައަޅަން އެސްޓީއޯ އިން މިއަދު ހުޅުވާލައިފި އެވެ.
ބަށި މުބާރާތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ މުހައްމަދު މުރާދު ވިދާޅުވީ، އެ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެ ކުންފުނީގެ ވެބްސައިޓުން މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށާއި މިއަދުން ފެށިގެން އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ޓީމްތަކުން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ.
މުބާރާތުގެ އެއް ވަނަ ޓީމަކަށް 100،000 ރުފިޔާގެ އަގު ހުރި އިނާމެއް ލިބޭއިރު ދެވަނަ ޓީމަކަށް 50،000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 25،000 ރުފިޔާ ލިބޭނެ ކަމަށާއި ފެއާ ޕްލޭ ޓީމަށް 10،000 ރުފިޔާ ލިބޭނެ ކަމަށް މުރާދު ވިދާޅުވި އެވެ. އޭގެ އިތުރުން ބަށިރާނީ އަށް 3500 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށާއި އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާ އާއި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިޔާގެ އިތުރުން އެންމެ އުންމީދީ ކުޅުންތެރިޔާ އަށް 2500 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް މުރާދު ވިދާޅުވި އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ބަށި މުބާރާތް މިއަހަރުގެ އީދު ދުވަހު ފަށަން ހަމަޖެހިފައިވާ އިރު އެ މުބާރާތަށް ވޭތުވެ ދިޔަ ދެ އަހަރު ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެގޮތުން 2012 ވަނަ އަހަރު އަށް ޓީމަކުން މުބާރާތުގައި ބައިވެރިވެފައިވާ އިރު 2013 ވަނަ އަހަރު 19 ޓީމަކުން ވަނީ އެ މުބާރާތުގައި ބައިވެރިވެފަ އެވެ.