18 Jun 2014, 15:07
ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް ޖުޑީޝަލް ސާވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ނަޝީދުގެ ވަކީލުން ކޯޓަށް ދީފައިވާ ބަޔާންތަކުގައި ސޮއިކުރަން އަންގައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ މިވަގުތު އޭނާ ހުންނެވީ ހައިކޯޓުގައި ބަޔާންތަކުގައި ސޮއިކުރެއްވުމަށް ކަމަށެވެ.
ހިސާން ވިދާޅުވީ މިހާތަނަށް ދެންތިބި ވަކީލުންނާއި ނަޝީދަށް ވެސް ބަޔާންތަކުގައި ސޮއިކުރަން އަންގާފައިނުވާ ކަމަށެވެ.
ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ދައުލަތުން ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ހައިކޯޓުން ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ މާލޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އައްޔަން ކޮށްފައެވެ.
އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވި އިރު ސުޖާއު އުސްމާން ހަމަޖައްސާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށެވެ.