ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭނެ ކަމަށް ބުނި މީހެއްގެ މައްސަލަ ފުލުހުނަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ވަގުތީ ރައީސް ނަޝީދުގެ އިތުރުން އެ ޕާޓީގެ އާންމު މެމްބަރުންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން ދާތީ އެ މައްސަލަ ތަހްގީގުކޮށް ދިނުމަށް ފުލުހުނަށް މިއަދު ހުށަޅާފައިވާ ކަމަށެވެ.

ފުލުހުން ވެސް ވަނީ އެމްޑީޕީގެ ފަރާތުން އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އެ ޕާޓީން ބުނި ގޮތުގައި ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައި ވަނީ ޓްވީޓާ އެކައުންޓަކުން އިއްޔެ ފޮނުވާފައިވާ މެސެޖުތަކެއް މެދުވެރިކޮށް ކަމަށެވެ.

"ޓެރަރިޒަމުގެ އެފަދަ އިންޒާރުތައް ދިނުމާއި ބިރުދެއްކުން ހުއްޓާލުމަށް އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ. އަދި އެފަދަ އިންޒާރުތަކަކީ މި ޕާޓީން ދެކޭ ގޮތުގައި ވަރަށް ނުރައްކާތެރި އަދި މި ޕާޓީ ނުހަނު ކަންބޮޑުވާ ކަމަކަށް ވާތީ އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްގީގެއް ހިންގަވައި، ވަގުތުން ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަވިސަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ." އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.