ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކާއި ޑީއާރްޕީގެ ކެންޑިޑޭޓަކު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި އެ ދެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެނު އިއުލާނުގައިވާ ގޮތުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ދެ ކެންޑިޑޭޓުންނަކީ ލ. އިސްދޫ ރަށު ކައުންސިލަށް ވާދަކުރާ ލ. ދަނބިދޫ، ފުއްޓަރު މުހައްމަދު ސިފާހު އާއި އއ. ހިމަންދޫ ރަށު ކައުންސިލަށް ވާދަކުރާ އެ ރަށު ޖަވާހިރުވާދީ އަސީތު ތައުފީގެވެ.


މީގެ ތެރެއިން ހިމަންދޫ ރަށު ކައުންސިލަށް ވާދަކުރާ އަސީތު ތައުފީގަކީ އެމްޑީޕީގެ ޓިކެޓުގައި ނިކުތް ކެންޑިޑޭޓުންގެ ތެރެއިން އިލެކްޝަންސް އިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ފުރަތަމަ ކެންޑިޑޭޓެވެ.


ސިފާހު އަކީ ޑީއާރްޕީގެ ޓިކެޓުގައި އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެކެވެ. އޭނާއަކީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ޑީއާރްޕީގެ ތިން ވަނަ ކެންޑިޑޭޓެވެ.


ދެ އެ ފަރާތުގެ ކެންޑިޑެސީ ބާތިލުކުރީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަނުވާ ކަމަށް ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯ އިން ކޮމިޝަނަށް ހުށަހަޅާފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވެ އެވެ.  
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިލެކްޝަންސް އިން އިއުލާން ކުރި 2775 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ކެންޑިޑޭޓުންގެ އަދަދު މިހާރު ވަނީ 13 އަށް އަރައިފަ އެވެ.


އިލެކްޝަނުން ބުނީ ނަން ބާތިލު ކޮށްފައިވާ ކެންޑިޑޭޓުންނަށް އެކަން މިހާރު އަންގާފައިވާ ކަމަށާއި އަދި އެ ކެންޑިޑޭޓުންގެ ޕާޓީތަކަށް ވެސް ރަސްމީ ކޮށް އަންގާފައިވާ ކަމަށެވެ.