އާމްދަނީ އާއި ތައުލީމީ ގޮތުން މާލެ އާއި ރާއްޖޭގެ އެހެން ހިސާބުތަކާ ދެމެދު ބޮޑު ފަރަގެއް އޮންނަ ކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.

ރާއްޖޭގެ އިންސާނީ ތަރައްގީއާ ގުޅޭ ގޮތުން ޔޫއެންޑީޕީން ނެރުނު ދެ ވަނަ ރިޕޯޓް މިއަދު ނެރެދެއްވީ އަމީނީބިލްޑިންގެ އޮޑިޓޯރިއަމްގައި އޮތް ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ޔޫއެންޑީޕީގެ އިންޗާޖް ދެވަނަންދު ރާމިއާ އެވެ.

މީގެ 10 އަހަރު ކުރިން ފެށިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އައިސްފައިވާ ކަމަށް ފާހަގަކުރައްވައި އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، 2015ގެ ކުރިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މިލޭނިއަމް ޑިވެލޮޕްމަންޓްގެ އަށް ގޯލުގެ ތެރެއިން ފަސް ގޯލެއް ރާއްޖެ އަށް ހާސިލުކުރެވިފައިވީ ނަމަވެސް އަދި ވެސް ހާސިލްކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އާމްދަނީ އާއި ތައުލީމީ އަދި ސިއްހީ ގޮތުން ވެސް ތަފާތުކުރުންތަކެއް އެބަހުރި ކަަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިއަދު ނެރުނު ރިޕޯޓުން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރިޕޯޓުން ފާހަގަކުރެވޭ ކަންތައްތައް ތަންފީޒު ކުރުމަށް ސަރުކާރުން ބާރު އަޅާނެ ކަމަށް ވެސް ޑރ. ޝަކީލާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ހުރި ބަލިކަށި ކަމާއި ތަފާތު ކުރުންތައް ހުރި ކަންތައްތަކުގެ މައްޗަށް އެކުލަވާލައި، ނެރުނު އެ ރިޕޯޓުގައި އެފަދަ ކަންތައްތައް ރަނގަޅު ކުުރުމަށް ފްރޭމްވޯކެއް ވެސް ވަނީ އެެކުލަވާލާފަ އެވެ. ފްރޭމްވޯކަށް އަމަލުކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ވެސް ވަނީ މިއަދު ގެންގޮސްފަ އެވެ.

ސްކޫލް މާހައުލުގައާއި ތައުލީމީ ފެންވަރުގައި ވެސް ތަފާތު ކުރުންތަކެއް ގެންގުޅޭ އިރު، އުމުރުން ދުވަސްވީ މީހުން ފަދަ ސިއްހީ ނުރައްކާ އެންމެ ބޮޑު މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތުގެ ތަފާތު ކުރުންތަކެއް ވެސް ގެންގުޅޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"އަތޮޅު ތެރޭ ދިރިއުޅޭ ކުއްޖަކަށް ވުރެ މާލޭގައި ދިރިއުޅޭ ކުއްޖަކަށް އިތުރު ތިން އަހަރު ކިޔެވުމުގެ ފުރުސަތު ލިބޭ. އަދި މާލޭގައި ދިރިއުޅޭ މީހަކަށް އަތޮޅުތެރޭގައި އުޅޭ މީހަކަށް ވުރެ ދެ ގުނަ ބޮޑު އާމްދަނީއެއް ލިބޭ. އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކުގެ ތަފާތުކުރުންތަކެއް އަތޮޅުތެރެއާއި މާލެއާއި ދޭތެރޭ ހުރުމުން ރަނގަޅު ބޭސްފަރުވާ އަށް މާލެއަށް ގިނަ ބަޔަކު އާދޭ،" ޔޫއެންޑީޕީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ރިޕޯޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަރަމުން އަންނަ އަތޮޅުތަކާއި މަޑުން ކުރިއަރަމުން އަންނަ އަތޮޅުތައް ވެސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އިންސާނީ ތަރައްގީގެ ރޮނގުން އެންމެ މަތީން ފާހަގަކޮށްފައިވާ އަތޮޅުތަކަކީ މ، ފ، އަދި ދ. އަތޮޅެވެ. އެންމެ ދަށުން ތަރައްގީވެފައިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ގއ. އަދި ގދ. އަތޮޅާއި ނ، ރ، ބ، އަދި ޅ. އަތޮޅެވެ.

ރާއްޖޭގެ އިންސާނީ ތަރައްގީ އާ ގުޅޭ ގޮތުން ޔޫއެންޑީޕީން އެންމެ ފުރަތަމަ ރިޕޯޓެއް ނެރުނީ 2001 ވަނަ އަހަރެވެ.