18 Jun 2014, 13:29
ސްރީލަންކާގެ އަލަތުގަމަ އަވަށުގައި ބުޑިސްޓުންގެ "ބޮޑު ބަލަ ސޭނާ" ޖަމާއަތުން މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ތަހުގީގުކުރާނެ ކަމަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަ ވިދާޅުވެއްޖެ އެވެ.
ރާޖަޕަކްސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ގާނޫނު އަމިއްލަ އަތަށް ނެގުމަށް" ސަރުކާރުން އެއްވެސް މީހަކަށް ފުރުސަތު ނުދޭނެ ކަމަށާއި މުސްލިމުންނާ ދެކޮޅަށް އަލަތު އަގަމަގައި ހިންގި ޖަރީމާތައް ތަހުގީގުކޮށް އެކަން ކުރި މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
"ސަރުކާރުން އެއްވެސް މީހަކަށް ގާނޫނު އަމިއްލަ އަތަށް ނެގުމުގެ ހުއްދައެއް ނުދޭނެ. އަޅުގަނޑު މިކަމާ ގުޅުން ހުރި ހުރިހާ ޕާޓީތަކަކަށް ވެސް ވިސްނައިގެން އަމަލުކުރުމަށް ބާރުއަޅަން. އޭގެ އިރުތުން އަލަތުގަމާގައި ހިނގި ކަންކަން ތަހުގީގުކޮށް އަދަބު ދޭންވީ ފަރާތްތަކަށް އަދަބު ލިބޭނެ،" ރާޖަޕަކްސަ ވިދާޅުވި އެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން އދ. ގެ ހިއުމަންރައިޓްސް އެމްބެސެޑަރު ނަވީ ޕިއްލޭ ނެރުއްވި ބަޔާނެއްގައި ވީހާވެސް އަވަހަކަށް އެ ހަމަނުޖެހުންތައް ހުއްޓުވައި ލަންކާގެ ބައިމަދު ދީންތައް ހިމާޔަތްކުރުމަށް އެގައުމުގެ ސަރުކާރަށް ވަނީ ގޮވައިލައްވާފަ އެވެ.
ސްރީލަންކާގައި މުސްލިމުން ދިރިއުޅޭ ސަރަހައްދަކަށް މިދިޔަ އާދީއްތަ ދުވަހު ބުޑިސްޓު ބައިގަނޑެއް އަރައިގެން ތިން މުސްލިމުން މަރާލައި 52 މުސްލިމުންނަށް ވަނީ އަނިޔާކޮށްފަ އެވެ.
ކޮލޮމްބޯ ޓެލެގްރާފު ނޫހުގައި ބުނެފައި ވަނީ އެ ޖަރީމާތައް ހިންގާފައި ވަނީ "ސިންހަލަ މީހެއްގެ ގައިގައި އަތްލިޔަސް އެއީ ހުރިހާ މުސްލިމުންގެ ނިމުން" ކަމަށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ "ބޮޑު ބަލަ ސޭނާ" ޖަމާއަތުގެ ސެކެޓްރީ ޖެނެރަލް "ގަލަގޮޑަ އައްތޭ ނަނަސަރަ" އޭނާ އަށް ތާއީދު ކުރާ މީހުނާ މުޚާތަބުކޮށް ބުނެފައިވަނިކޮށް ކަމަށެވެ.
އެ ނޫހުގައި ބުނެފައި ވަނީ އަލަތުގަމައާ ބެރުވަލަ އަދި އެހެން އަވަށުތަކުގައި ހުރި މުސްލިމުންގެ ވިޔަފާރިތައް ނައްތާލާނެ ކަމުގެ އިންޒާރު އޭނާ ދީފައި ވަނިކޮށް އަލަތުގަމަގައި ހުރި ގިނައަދަދެއްގެ ފިހާރަތަކާއި ގެތަށް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. އަދި ހަމަލާދޭން ފެށުމުން ގިނަ އަދަދެއްގެ މުސްލިމުން އެމީހުންގެ ގެދޫކޮށް ސަލާމަތްވުމަށް ޓަކައި މިސްކިތްތަކަށް ޖާމާވާންފެށި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މުސްލިމުންނާ ދެކޮޅަށް އެ ނުބައި ޖަރީމާތައް ހިންގާފައި ވަނީ މުސްލިމު ޒުވާނުން މާރާމާރީ ހިންގައި ބުދިސްޓުންގެ "މޮންކް" އަކަށް އަނިޔާކުރުމުން އެކަމުގެ ރުޅީގައި ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފަ އެވެ.
ސީއެންއެން އިން ބުނީ ބުޑިސްޓުންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ލާންކާގެ ފުލުހުން ބާރުގެ ބޭނުންކޮށް އާންމުން މަގުމައްޗަށް އެއްވުމަށް މަނާކޮށް އެއަވަށުގައި ކާފިއުއެއް އިއުލާނުކުރި ކަމަށެވެ.
ހަމަނުޖެހުންތައް އިތުރަށް ބޮޑުވިޔަ ނުދިނުމަށް ކާފިޔު ހިންގި ނަމަވެސް ހޯމަ ދުވަހުގެ ރޭ ކުދި ކުދި ހަމަނުޖެހުންތައް ހިނގާފައިވާ ކަމަށް ލަންކާ ފުލުހުންގެ ސްޕޯކްސް ޕާސަން އަޖިތް ރޮހާނާ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން ސިންހަލަ އިންގެ 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ މައްޗަށް އަދި ހުކުމެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ބޮޑު ބަލަ ސޭނާ އަށް ތާއީދުކުރާ ބަޔަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.