18 Jun 2014, 12:42
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް އާއި އޮެސްޓްރޭލިޔާ ވާދަކުރާ އިރު މީއީ މި ދެ ޓީމުވެސް ގުރޫޕް ބީގައި ކުޅޭ ދެވަނަ މެޗެވެ. ނެދަލެންޑްސް މުބާރާތުގައި ކުޅުނު ފުރަތަމަ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ސްޕެއިން 5-1 ބަލިކޮށް މި މެޗާ ކުރިމަތި ލާއިރު އެޓީމު ވަރަށް ފޯމުގައި އޮންނާނެ ކަމަށް ބެލެވެއެވެ. އެހެން ނަމެވެސް އޮސްޓެރޭލިޔާ ފުރަތަމަ މެޗުގައި ޗިލީ އަތުން ބަލިވެފައި އޮތުން މި މެޗަށް ނުކުންނައިރު އެ ޓީމު އިތުރަށް ޕްރެޝަރަށް ދާނެ ކަމަށް ބެލެވެއެވެ.
މި މެޗުގައި އަންގޭ ޕޯސްޓެކޮގްލޫގެ އޮސްޓްރޭލިޔާ ޓީމުގެ ޑިފެންސް ލައިނަށް ވަނީ އަނިޔާގެ ހިޔަނި ވަރަށްބޮޑަށް އެޅިފައެވެ. އެ ޓީމުގެ ޑިފެންސް ލައިނުގެ މައި ތަނބު ކަމަށްވާ އިވާން ފްރެންޖިކްއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭއިރު މި ކުޅުންތެރިޔާގެ ބަދަލުގައި ކޯޗު ބޭނުން ކުރާނީ ރެޔަން މެކްގައުން އެވެ.
ނެދަލަންޑުން އެންމެ ފަހުން ސްޕެއިން ބަލިކުރި މެޗުގައި އެޓީމު ކުޅެފައި ވަނީ 2-3-5 ސިސްޓަމަށެވެ. އެހެން ނަމަވެސް މިރޭ ނެދަލެންޑް ކޯޗް ލުއިސްވެންހާލް އޮސްޓްރޭލިޔާއާ ދެކޮޅައް ކުޅޭނެކަމަށް ގަބޫލު ކުރެވެނީ 3-3-4 ސިސްޓަމަށެވެ.
ނެދަލެންޑަށް އަނިޔާގެ އެއްވެސް ބިރުވެރިކަމެއް ނެތެއް ކަމަކު އެޓީމުގެ ކުރިޔަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ވެން ޕާ ސީއަށް ރީނދޫ ކާޑެއް ދައްކައިފި ކަމަށް ވާނަމަ ގްރޫޕްސްޓޭޖް އެންމެ ފަހު މެޗްގައި އޭނާއަށް ނުކުޅެވޭނެ އެވެ.
ސްޕެއިން ކޮޅަށް ނެދަލެންޑްސްގެ ފޯވާޑް އާޔަން ރޮބެން މި މުބާރާތުގައި ޖެހި ލަނޑާ ބެހޭގޮތުން ބައެއް މީޑިޔާ ރިޕޯތައް ބުނެފައި ވަނީ، ރޮބެންގެ އެ ލަނޑަކީ މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިޔަކު އެންމެ ބާރަށް ސްޕްރިންޓެއް ޖެހުމައްފަހު ޖެހި ގޯލްއެވެ. އެއީ ގާތްގަނޑަކަށް ގަޑިއަކު 37 ކިލޯ މީޓަރުގެ ބާރު މިނުގައި ދުވެފައިގޮސް ޖެހި ލަނޑެކެވެ.
* ދެޓީމުގެ ކުރިމަތިލުންތައް
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މި ދެޓީމް ބައްދަލުކުރާ މިއީ ފުރަތަމަ ފަހަރެއެވެ. ދެ ޓީމު ކުޅެފައިވާ އެކުވެރި ކަމުގެ ތިން މެޗްގެ ތެރެއިން އޮސްޓްރޭލިޔާ ބަލިވެފައެއް ނުވެއެވެ. އޮސްޓްރޭލިޔާ އެއް ފަހަރު މޮޅުވެފައި އަނެއް ދެ މެޗުން ވަނީ އެއްވަރު ވެފައެވެ. އެންމެ ފަހުން 2009 ވަނަ އަހަރު މިދެޓީމުގެ ކުރިމަތުލުން ނިމިގެން ގޮސްފައި ވަނީ ދެޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި އެވެ.
* އޮސްޓްރޭލިޔާ
އެންމެ ފަހުން ވޯލްޑް ކަޕްގައި އޮސްޓްރޭލިޔާ ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ 2 މެޗުންނެވެ.
އޮސްޓްރޭލިޔާ ކުޅެފަވާ 6 ވޯލްޑްކަޕްގެ ތެރެއިން ޔޫރަޕްގެ ގައުމެއްގެ އަތުން މޮޅުވެފައި ވަނީ 2010 ވަނަ އަހަރު ސާބިޔާ އަތުން 1-0 ނެވެ. ޗިލީއާ ދެކޮޅަށް ކުޅެ ލަނޑުޖެހި އޮސްޓްރޭލިޔާގެ ޓިމް ކާހިލް ވެގެން ދަނީ ތިން ވޯލްޑް ކަޕެއްގައި ލަނޑުޖެހި އޮސްޓްރޭލިޔާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޮސްޓްރޭލިޔާއިން މިހާތަނަށް ވޯލްޑް ކަޕްގައި 9 ގޯލް ޖަހަފައި ވާއިރު ކާހިލްވަނީ އޭގެ ތެރެއިން ހަތަރު ގޯލް ޖަހައި އެއް ގޯލް ޖެހުމަށް އެހީތެރިވެ ދީފައެވެ.
* ނެދަލެންޑްސް
ނެދަލެންޑްސް އެންމެ ފަހުން ގްރޫޕް ސްޓޭޖުގައި ކުޅުނު 11 މެޗުން އެޓީމު ބަލި ވެފައެއް ނުވެއެވެ. 8 މެޗުން މޮޅުވެ 3 މެޗުން އެއްވަރު ކޮއްފައި ވެއެވެ.
ރޮބިން ވެން ޕާސީ ވަނީ ނެދަލެންޑަށް އެންމެ ފަހުން އެނާ ކުޅެދިން 9 މެޗުގައި ޖުމުލަ 10 ގޯލް ކާމިޔާބު ކޮއްދީފައެވެ. ރޮބެން ވަނީ އޭޏާ ކުޅުނު 7 މެޗުން 7 ގޯލް ކާމިޔާބު ކޮއްދީފައެވެ. ސްޕެއިން ކޮޅަށް މި ދެކުޅުންތެރިން ޖެހި ގޯލްތަކާއެކު ނެދަލެންޑްގެ ތާރިހުން މި ދެކުޅުންދެތިންނަށް ފުރަތަމަ ފަހަރަށް ތަފާތު ތިން ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ކުޅުންތެރިން ޝަރަފްވަނީ ލިބިފައެވެ.