ކުޑަ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ދޯނި ބަންޑުން ޖަހާލައި ފަޔަށް ލިބުނު އަނިޔާތަކުގެ ސަބަބުން ފައި ބުރިކޮށްލަން ޖެހުމުން ރ. ރަސްގެތީމު ކައުންސިލްގެ ރައީސް އަލީ ނަޖީބުގެ އާޓިފިޝަލް ފަޔެއް ޖެހުމަށް ފަންޑު އެއްކުރަން ފަށައިފި އެވެ.

ރ. އަތޮޅު ކައުންސިލުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފަންޑު ފޮށި ބެހެއްޓުމަށް ނިންމާފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކުން ގުޅިގެން ކަމަށެވެ.

"މި ފަންޑު ފޮށިތައް ބެހެއްޓިފައި ވާނީ ޖޫން 17، 2014 އިން ފެށީގެން ޖުލައި 3، 2014 ގެ ނިޔަލަށް. މި މުއްދަތުގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މި ފަންޑަށް އެހީތެރިކަން ދެއްވަން ބޭނުންވާ ކޮންމެ ބޭފުޅަކަށް ވެސް އު ފުރުސަތު ވަނީ ހުޅުވާލެވިފައި،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަލީ ނަޖީބުގެ ފައިން ބުރިކޮށްލާފައި ވަނީ ކަނާތު ފައިގެ ކަކުލު ހުޅުން ދެ އިންޗި މަތިން ކަމަށެވެ.