18 Jun 2014, 12:17
މ. ނާލާފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެންވަރަމަންޓް މިނިސްޓްރީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ދެމެދު 17 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމެއް ފަހު މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އެ އެއްބަސްވުމަކީ 17 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ކަމަށާއި އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ކަމަށެވެ.
"އެމްޓީސީސީއަކީ މިވަގުތު މި މަސައްކަތަށް ހުރި އެންމެ ރަނގަޅު އެއް ކުންފުނި،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ނާލާފުށީގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލު ކުރެވުމުން އެ މަސައްކަތަށް ނާލާފުށީގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާގު ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އެމްޓީސީސީގެ ކެޕޭސިޓީ މިހާރު ވަރަށް ރަނގަޅު. ކޮންޓްރެކްޓުގެ މުއްދަތުގައި ނޫން ނަމަ އެއަށް ވުރެ ވެސް އަވަހަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އަރުވަން،"ރައްޒާގު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ މި އަހަރުގެ ތެރޭގައި ޖުމްލަ 10 ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ރ. މަޑުއްވަރި އަދި ނ. ހޮޅުދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިހާރު ވެސް ސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.