18 Jun 2014, 11:20
ރާއްޖޭގެ ގިނަ ސަފާރީ ޔޮޓްތަކެއް ތަމްސީލުކުރާ ޖަމިއްޔާ، ލައިވް ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެލްއޭއެމް)ގެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފި އެވެ.
އެ އެސޯސިއޭޝަންގެ އާ ބޯޑަށް މެންބަރުން އިންތިހާބުކޮށްފައި ވަނީ ރޭ ނަސަންދުރާ ޕެލަސް ހޮޓެލްގައި ބޭއްވި އެ އެސޯސިއޭޝަންގެ އެނުއަލް ޖެނެރަލް މީޓިންގައި މެންބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.
އެލްއޭއެމްގެ އާ ބޯޑަށް އިންތިހާބުކޮށްފައިވާ މެންބަރުންނަކީ އައިމިނަތު ސަލާހު އާއި އިބްރާހިމް ނާސިރު، ހުސައިން ޝަހުދީ، އަބްދުﷲ ހަމީދު އަލީ، އަހްމަދު ޒުބައިރު އާދަމް، އަހްމަދު ރިޔާޒު، އަދި ޝާހީނާ އަލީގެ އިތުރުން ފާރޫގު އަލީ އާއި ހަސަން ހަލީމް އެވެ.
ބޯޑު މެންބަރުންގެ އިތުރުން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ އެލްއޭއެމްގެ ޓްރެޝަރާގެ މަގާމަށް ވެސް ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެގޮތުން މެންބަރުންގެ ވޯޓުން އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުންނެވި އަހްމަދު އަފްރާހް އެވެ.
އެލްއޭއެމްގެ ފައިނޭންޝިއަލް ރިޕޯޓަށް އަލިއަޅުވާލައްވައި އެ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނަށް އެކިއެކި އުނދަގޫތަކާ އެކު ވެސް ވޭތުވެ ދިޔަ އަހަރު އެކަށީގެންވާ ފައިދާއެއް ލިބިފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 332،314 ރުފިޔާ ލިބިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
އެލްއޭއެމް އިން ވަނީ މި އަހަރުގެ ތެރޭގައި ބޯޓުފަހަރުގެ ވިޔަފާރި އާއި ކަނޑުމަތީގެ އެހެން ކަންކަމުގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށް ހާއްސަކޮށް "މޯލްޑިވްސް މެރިން އެކްސްޕޯ" ބާއްވާފަ އެވެ. އަދި ރޭގެ ރަސްމިއްޔާތުގައި އެ އެކްސްޕޯގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.