އޭޑީކޭ ހޮސްޕިޓަލުން ވައްކަންކޮށްގެން ފިލަން ދުވި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލްގެ ފިޒިއޮތެރަފީ ރޫމުން ނިކޯން ބްރޭންޑުގެ ކެމެރާއެއް ވަގަށްނަގައިގެން ފިލަން އުޅުނު 28 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 9:20 ގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާ އަކީ ވައްކަމުގެ ގިނަ މައްސަލަތަކެއްގެ ރެކޯޑާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.