18 Jun 2014, 10:35
ކޮންމެ ވޯލްޑް ކަޕެއް ފެށިގެން އަންނަ ދުވަސްވަރަކީ ބައެއް ވިޔަފާރިތަކަށް އާ ދިރުމެއް ގެނެސްދޭ ދުވަސްވަރެކެވެ. ހާއްސަ ގޮތެއްގައި އެންމެ ބޮޑު ފައިދާއެއް ވާ އެއް ފަރާތަކީ އެކި ޓީމް ތަކުގެ ޖޯޒީ ވިއްކާ ފަރާތްތަކެވެ. ނަމަވެސް މިފަހަރު ދައްކައިލަން މިއުޅެނީ އެއާ މުޅީން ތަފާތު ވިޔަފާރިއަކަށް އުފާވެރިކަން ލިބުނު ވާހަކައެވެ. އެއީ ބޭރުމަގުގެ ވަކި ހިސާބެއްގައި ބަހައްޓާފައި ހުރި ގާޑިޔާތަކެވެ.
ގިނަ ބަޔަކު އެއްވެ އެއްތަނަކުން ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެސްޓީއޯގެ ފަރާތުން ވަނީ އުސްފަސްގަނޑުގައި 40 ފޫޓްގެ ބޮޑު ސުކްރީނެއް ހަރުކޮށް ޖޯލި ފަތިތަކެއް ބަހައްޓައިފަ އެވެ. ގިނަ ބަޔަކު އެތަނަށް އެއްވުމުގެ ނަތީޖާ އަކަށް ވެފައިވަނީ އެސަރަހައްދުގައި ބަހައްޓާފައި ހުރި ގާޑިޔާތަކުގެ ވިޔަފާރި ބޮޑުތަނުން ކުރިއަރައިގެން ދިއުމެވެ.
"ވޯލްޑް ކަޕު ފެށުމަށް ފަހު އަޅުގަނޑުމެންގެ ވިޔަފާރި ވަރަށް ރަނގަޅު، މިހާރުގެ ސޭލްސް ވަނީ ކުރިއާ އަޅައި ބަލާއިރު 100 ޕަސެންޓް ހަމަ ކޮންމެ ރެއަކުވެސް މައްޗަށް ޖެހިފައި" ގާޑިޔާ ނަމްބަރު 10 ގައި ސޭޓަކަށް ހުރި މީހާ ބުންޏެވެ.
ގާޑިޔާ ތަކުން ބުނާ ގޮތުން މެޗްތައް ކުރިއަށްދާއިރު އެގާޑިޔާތަކުން އެންމެ ގިނައިން ވިކެނީ ތަފާތު ވައްތަރުތަކުގެ ސޮފްޓް ޑްރިންކް ތަކާއި މޮޅު ބިލެތްގަނޑެވެ. އަދި "އަނބު މަޖާ" ގެ ވިޔަފާރި ވެސް ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުކަމަށް ގާޑިޔާތަކުން ބުނެއެވެ.
"ވަރަށް ގިނަ މީހުން ތަކެތި ގަންނަން އާދޭ. މެޗްތައް ކުރިއަށްދާ ވަގުތު ތަކުގައި އަޅުގަނޑުމެންނަށް (މޮޅުބިލެތް) ނުހެދިފައި އޮންނަނީ އެވަރަށް ވިކޭ،" ގާޑިޔައެއްގެ ސޭޓް ބުންޏެވެ.
އުސްފަސްގަނޑު ސަރަހައްދުގައި ބަހައްޓާފައި ހުރި 10 ނަމްބަރު ގާޑިޔަލުން ބުނިގޮތުގައި ކުރިން އެގާޑިޔަލަށް ދުވާލެއްގެ މައްޗަށް 2500 ރުފިޔާ ލިބޭއިރު މިހާރު ރަނގަޅު މެޗެއް އޮންނަ ރެއަކު 4000 ރުފިޔާ އާއި ގާތް ކުރާ އަދަދަކަށް ސޭލްސް އަރަވެ.
އެސްޓީއޯ ބޮޑު ސްކްރީނުން މެޗް ބަލައިލަން ގޮސް ހުރި ޒުވާނެއް ކަމަށްވާ މުހައްމަދު ހަސަން ބުނީ "އަސްލު ވަރަށް މެޗް އެންޖޯއީ ކުރެވޭ ކަމެއް އެއްޗެއް ކައިލަމުން މެޗް ބަލައިލުމަކީ. މިތަނުން އެންމެ ފަސޭހައިން ލިބެން ހުރީ ގާޑިޔާ ތަކުން ވިއްކާތަކެތި، އެހެންވެ ގާޑިޔާ ތަކުން އެއްޗެތި ގަންނަނީ." ކަމަށެވެ.
އެސްޓީއޯ ބޮޑު ސްކްރީނުން މެޗް ބަލައިލުމަށް އެކި އުމުރުގެ ގިނަ ބަޔަކު ކޮންމެ ރެއަކު ވެސް އުސްފަސްގަނޑު ސަރަހައްދަށް އެއްވެ އެވެ. މެޗްތައް ކުރިއަށްދާ ވަގުތު ތަކުގައި ގާޑިޔާތަކުގެ ވިޔަފާރިތަކަށް މިވަނީ ބާރު ބޮޑުވެފައެވެ.
މީގެ އިތުރުން މި ދުވަސްވަރުގެ މޫސުންވެސް މި ސަރަހައްދުގައި މެޗު ބަލައިލަން ނިކަން ހިތްގައިމެވެ. އޯޕަން އެއާގައި، ސާފު ވައިގެ ތެރޭގައި ޖޯލި ތަކުގައި ބުރިކަށި ދަމައިލައިގެން ތިބެ މި ގޮތަށް މެޗު ބަލައިލާން ލިބުމަކީ މާލޭގައި ފަސޭހަ ވެސް ކަމެއް ނޫނެވެ.
އެއްވެސް ޝައްކެއް ނެތެވެ. މި ފަދަ މާހައުލެއްގައި މެޗު ބަލައިލާން ތިބޭ އިރު، އަނގަ އޮލަ ކޮށްލާން ކައިރީގައި ވަށައިގެން ހުރި ގާޑިޔާ ތަކުން ލިބޭ އާދައިގެ އަދި މޮޅު ދުފުމަކީ މެޗުގެ ބެލުމުގެ ޖޯޝް ގަދަކޮށްލަދޭނެ އެއްޗަކަށް ވާނެ އެވެ. އަދި ހަމަ އެހެންމެ މަސް ކާށްޓާއި އަންހެންވެރީންގެ ފޭވަރިޓް އަނބު މަޖަލަކީ ވެސް ވޯލްޑް ކަޕް ފޯރީގެ މުހިންމު ބަޔަކަށް ވާނެ އެވެ.