18 Jun 2014, 10:22
ނަމާދު ވަގުތައް ބަންދުކޮށްފައި ހުރި "ކަންމަތީ ފިހާރައެއް"ގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާ ގިނަ ދުވަސްތަކެއް ފަހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ ކައިރީގައި ހުންނަ "ދަނާލަ" ނަމަކަށް ކިޔާ ފިހާރައެއްގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ހައްޔަރުކުރި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު ނަންބަރު 1654، އަޙްމަދު ކަލޯ ދޫކޮށްލާފައި ވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.
އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ފުލުހުން އެ ފިހާރަތެރެއިން ހައްޔަރުކުރި އެވެ. އެއީ ބަދުއަޚުލާގީ އަމަލު ހިންގަން ތިބި އަންހެނަކާ ފިރިހެނެކެވެ. އެމީހުން ބަދުއަޚުލާގީ އަމަލު ހިންގިވަގުތު އަހްމަދު ކަލޯ އިނީ ފިހާރައިގެ ކައުންޓަރުގައެވެ.
އޭނާ ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފުލުހުން މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.