މަސްތުވާތަކެތި ގެންގުޅުނު މީހަކު 25،000ރ. އިން ޖޫރިމަނާކުރުމާ އެކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ގ. ބީޗުނެސްޓް ހަމްޒާ އަލީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން 2011 ވަނަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުގެ ރޭ މަސްތުވާތަކެތި ފެނުނު މައްސަލައަކާ ގުޅިގެންނެވެ.

މަސްތުވާތަކެއްޗާ އެކު ހަމްޒާއާ އިތުރު މީހަކު ފުލުހުން ހައްޔަރުކުރީ މަސްތުވާތަކެތި ފެނުނު ކޮޓަރިތެރޭގައި ހުއްޓައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ކޮޓަރިތެރެއިން މަސްތުވާތަކެތި ފެނުނުކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. އަދި އެތަކެތި ތަހުލީލުކުރި އިރު 5.6737 ގްރާމް ޓެޓްރާ ހައިޑްރޯ ކެނަބިނޯލް އާއި ކެނަބިނޯލް ހުރިކަން ތަހުލީލު ރިޕޯޓުން ދައްކާކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ.

އެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ ސ. ހުޅުދޫ ސީނިއަސުރުމާގޭ ހާސިމް ހުސައިންގެ ތަކެތި ކަމަށް އާސިމްއާ ހަމްޒާ ޝަރީއަތުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެކަން ހިނގާފައިވާގޮތާއި އެތަކެތި ފެނުނު ތަނާއި އެ މައްސަލައިގެ ތަހުގީގުގައި ހަމްޒާ އަމަލުކޮށްފައިވާ ގޮތަށްބަލާއިރު އެތަކެއްޗަކީ އާސިމްގެ ތަކެތި ކަމަށް ޝަރިއަތަށް ނުފެންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެތަކެތި ފެނުނުތަނާއި އެ މައްސަލައިގައި ހަމްޒާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެތަކެތީގެ ގާނޫނީ ޒިންމާ އޭނާ ނަގަންޖެހޭނެ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.