18 Jun 2014, 09:55
ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ އެ ގައުމުގެ ސަރުކާރުން ކުރި ހަނގުރާމަ 2009 ވަނަ އަހަރު ނިމުމުން އެންމެ އުފާ ކުރިއެއް ބަޔަކީ އެ ގައުމުގެ މުސްލިމުންނެވެ. އެހެނީ ތަމަޅައިންނާ ސަރުކާރާ ހަނގުރާމަ ދެމެދު ހަނގުރާމަ ހިނގި 30 އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑު އަގެއް ދެއްކި އެއް ބަޔަކީ އެމީހުންނެވެ. ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި، ވަރަށް ހިމޭންކޮށް ތިބި ނަމަވެސް ޓައިގަރުންގެ އިތުރުން ސަރުކާރުގެ ފަރާތުން ވެސް އެމީހުންނަށް ދުއްތުރާތައް ކުރިމަތިވި އެވެ. އެއީ ތަމަޅަ ބަހުން ވާހަކަ ދައްކާތީވީ ގޮތެއް ކަމަށް އެމީހުން ދެކެ އެވެ.
"... އަހަރެމެން އޭރު ވެސް ތިބީ ވަރަށް މަޑުމައިތިރިކޮށް. ވަކި ފަރާތަކަށް ނުޖެހެން. އެކަމަކު އަހަރެމެންނަކީ ތަމަޅަ ބަހުން ވާހަކަ ދައްކާ ބަޔަކަށް ވާތީ ސިންގަޅައިން، އަހަރެމެން ދެކެ ރުޅި އާދޭ. ހަނގުރާމައަށް ތާއީދު ނުކުރާތީ ޓައިގަރުން އަހަރެމެންނަށް ނަފުރަތު ކުރޭ. އެއްދުވަހެއްގެ ތެރޭގައި އެތައްހާސް ބަޔަކު ރަށުން ބޭރު ކުރީ ވެސް އެހެންވެ،" ސްރީލަންކާގެ މުސްލިމަކު މިދިޔަ އަހަރު ބުންޏެވެ.
ހަނގުރާމަ ނިމުމާ އެކު ލަންކާގެ ހައްދުފަހަނައަޅާފައިވާ ބުޑިސްޓުން ވަނީ މުސްލިމުންނާ ދެކޮޅަށް ތެދުވެފަ އެވެ. ބޮޑުބަލަސޭނާ (ބީބީއެސް)ގެ ނަމުގައި އުފައްދާފައިވާ ޖަމާއަތުން ދެކޭ ގޮތުގައި ސްރީލަންކާގެ ޖަޒީރާގައި އުޅެން ޖެހޭނީ ހަމަ އެކަނި ސިންގަޅައިންނެވެ. އެހެންވީމާ ތަމަޅައިންނާއި ތަމަޅަ ބަހުން ވާހަކަ ދައްކާ މުސްލިމުން ވެސް ބަލިކޮށް ނިކަމެތި ކުރަންޖެހެ އެވެ.
އެ ވިސްނުމުގައި ބީބީއެސް އިން ފެށި މަސައްކަތް މިހާރު ވަނީ ވަރަށް މަތީ ދަރަޖައަކަށް ގެންގޮސްފަ އެވެ. އަލުތުގަމާގައި އާދީއްތަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ތިން މުސްލިމުން ވަނީ މަރާލާފަ އެވެ. އަދި 70 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ދީފަ އެވެ.
ސްރީލަންކާގައި މިހާރު ފެށިފައިވާ ދީނީ ތަޅާފޮޅުމުގައި އެންމެ ބޮޑު ނިކަމެތިކަމެއް ކުރިމަތިވެފައި ވަނީ މުސްލިމް އަންހެނުންނަށެވެ. އަލުތުގަމާގައި ސްރީލަންކާގެ ނޫސްވެރިއެއް ކަމަށްވާ ނިމްމި ގޮވްރިނަތަން އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް އިއްޔެ ލިޔެފައިވާ ލިއުމެއްގައި ބުނެފައި ވަނީ މުސްލިމް ގިނަ އަންހެނުން ގެތަކުގައި އަމިއްލައަށް ބަންދުވެގެން ތިބި ކަމަށެވެ. އަލުތު ގަމާގެ ސްކޫލެއްގައި މިހާރު ވެސް 2000 އަންހެނުން ބަންދުވެފައި އެބަތި ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ. އެއީ ކަޅު ބުރުގާ އަޅައިގެން ހުރި އަންހެނެއް ފެނިއްޖެއްޔާ ބުޑިސްޓުންހެ ހަމަލާތައް އަމާޒުވުން އާއްމުވެފައި ވާތީ ކަމަށް އޭނާ ލިޔެފައިވެ އެވެ. އޭނާ އަދި ލިޔެފައި ވަނީ މުސްލިމުންނަށް ބުޑިސްޓުން ހަމަލާދޭ އިރު ފުލުހުން އެކަން ނުވެސް ހުއްޓުވާ ކަމަށެވެ.
"... އިއްޔެ އެއްވި ހަވަރު ފުލުހުންނެއް ނުހުއްޓުވާ. އެމީހުން ހަމަ އެކަނި ކުރިކަމަކީ ބަލަން ތިބުން. އަހަރެންގެ އަވަށްޓެރިންގެ ތެރެއިން [އަވަށްޓެރި ބުޑިސްޓުންގެ ތެރެއިން] އެންމެ އިތުބާރު ކުރެވޭ މީހުން ވެސް އެއްވި މީހުންގެ ތެރޭގައި ތިއްބާ ދުށިން،" ދެހިވަލާފައި އިން އަންހެނަކު ބުނި ކަމަށް ނިމްމި ލިޔެފައިވެ އެވެ.
އޭނާ ލިޔެފައިވާ ގޮތުގައި ކަޅު ބުރުގާ އަޅައިގެން ތިބޭތީ މުސްލިމުން ކަން ފަސޭހައިން ދެނެގަނެ، ހަމަލާ ދޭތީ މުސްލިމް އަންހެނުން އެހެން ކުލައެއްގެ ބުރުގާއެއް އެޅުވުމާ މެދު ފިރިހެނުންގެ ޖަމާއަތްތަކުން އަންނަނީ މަޝްވަރާކުރަމުންނެވެ.
"... ކަޅު ބުރުގާއެއް އަޅާފައި ހުންނަ އަންހެނެއް ވެއްޖެއްޔާ، ހާއްސަކޮށް މުސްލިމުން އުޅޭ ސަރަހައްދުގައި ހައްދުފަހަނައަޅާފައިވާ ބުޑިސްޓުން އެމީހެއްގެ ގަޔަށް ގާ އެބަ އުކާ،" އިންޓަވިއު ކުރި މީހަކު ބުނި ކަމަށް ނިމްމި ލިޔެފައިވެ އެވެ.
ލަންކާގެ މުސްލިމް ފިރިހެނުން މިހާރު މަޝްވަރާކުރަމުން އެދަނީ އެމީހުންގެ އަނބިންނާއި އަންހެން ދަރިންނާއި މައިން، ކަޅު ބުރުގާގެ ބަދަލުގައި އަޅުވާނީ ކޮން ކުލައެއްގެ ބުރުގާތޯ އެވެ. ކަޅު ބުރުގާތައް ނަގާނެ ކަން ގާތް ގަނޑަކަށް މިވަނީ ޔަގީންވެފަ އެވެ.