ހަންގޭރީގައި ބޭއްވި އިންޓަނޭޝަނަލް ކޯޗިން ކޯހުގައި ރާއްޖޭން ބައިވެރިވި ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އަހްމަދު އަދީލް (ބޭބެ)، އެ ކޯސް ފުރިހަމަ ކޮށްފި އެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގެ ސެމިލްވެއިސް ޔުނިވަސިޓީގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ކޯޗިން ކޯހުގައި ބައުވެރިވުމުގެ ފުރުސަތު އަދީލް އަށް ދިނީ އޮލިމްޕިކް ކޮމެޓީންނެވެ. މާޗް މަހުގެ 17 އިން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އެ ކޯސް ފުރިހަމަކުރުމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އަދީލް އަށް މަރުހަބާ ކިޔައިފަ އެވެ.

އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރީގެ އެއްވަނަ ލިބެރޯ އަދީލްގެ ނަން ހުށަހެޅީ ވޮލީބޯޅަ އެސޯސިއޭޝަނުންނެވެ. ނަން ހުށަހެޅުމުގެ ފުރުސަތު އޮލިމްޕިކް ކޮމެޓީން ދެން ދިނީ ފުޓްބޯޅަ އާއި ބެޑްމިންޓަން އާއި ޓޭބަލް ޓެނިސް އަދި ސްވިމިންގް އެސޯސިއޭޝަނަށެވެ. އެ އެސޯސިއޭޝަންތަކުގެ ތެރެއިން މި ކޯހުގައި ބައިވެރިވުމަށް ނަން ހުށަހަޅާފައި ވަނީ ހަމައެކަނި ވޮލީބޯޅަ އެސޯސިއޭޝަނުން އެކަންޏެވެ.

ހަންގޭރީގެ އޮލިމްޕިކް ކޮމެޓީން ކޮންމެ އަހަރަކު ރާއްޖޭގެ ދެ ފަރާތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދެ އެވެ.