18 Jun 2014, 09:12
ބެންގާޒީ (ޖޫން 18): ލީބިޔާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންގާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް 2012 ވަނަ އަހަރު ހަމަލާދީ އެމެރިކާގެ ހަތަރު ޑިޕްލޮމޭޓުން މަރާލުމުގައި އިސް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ލީބިޔާގެ ރައްޔިތެއް ކަމަށްވާ އަހްމަދު ޚައްތާލާ ހައްޔަރުކޮށްފިކަން އެމެރިކާ ހާމަކޮށްފި އެވެ.
މިކަން ހާމަކުރައްވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ އަހްމަދު ޚައްތާލާ ހައްޔަރުކޮށްފައި ވަނީ ލީބިޔާގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންގެ ޚާއްސަ އޮޕަރޭޝަންތަކާ ބެހޭ ގްރޫޕަކުން ކަމަށާއި މިކަން ކުރުމުގައި އެމެރިކާގެ ގާނޫނުތައް ތަންފީޒުކުރާ އިދާރާތަކުގެ ބައެއް ތަޖްރިބާކާރުން ވެސް ހަރަކާތްތެރިވެފައިވާ ކަމުގަ އަވެ. މިކަމާ ބެހޭ އިތުރު ތަފްސީލް އޮބާމާ ދެއްވާފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަހްމަދު ޚައްތާލާ ބެންގާޒީގައި އުޅެނިކޮށް އެމެރިކާ ސިފައިންގެ ޚާއްސަ އޮޕަރޭޝަންތަކާ ބެހޭ ގްރޫޕަކުން ސިއްރިޔާތުގައި އޭނާގެ ހަރަކާތްތައް ބަލައި ފާރަލަމުން ގެންދިޔުމަށް ފަހު އިއްޔެ ވަނީ ކުއްލި ގޮތަކަށް އޭނާ ވަގަށް ނަގައިގެން ލިބިޔާ އިން ބޭރަށް ގެންގޮސްފަ އެވެ. އެމެރިކާ ސިފައިންގެ ޚާއްސަ ގްރޫޕުން އަހްމަދު ޚައްތާލާ، ވަގަށް ނަގައިގެން ގެންދިޔުމަށް ފަހު އެމެރިކާ ސިފައިން އޭނާ ހައްޔަރުކޮށްފައި ވަނީ މެދުތެރޭ ކަނޑުގައިވާ އެމެރިކާ ސިފައިންގެ މަނަވަރެއްގައި ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ.
އެމެރިކާ ސިފައިންގެ ޚާއްސަ ގްރޫޕަކުން އަހްމަދު ޚައްތާލާ ވަގަށް ނަގައިގެން ލީބިޔާ އިން ބޭރަށް ގެންގޮސްފައި ވަނީ ލީބިޔާ ސަރުކާރަށް އެނގިގެން ނުވަތަ ނޭނގި ކަން އަދި ސާފުވެފައެއް ނުވެ އެވެ. ލީބިޔާއަކީ އެގައުމުގެ ސިފައިންނާއި ސަރުކާރުގެ މާާބޮޑު ކޮންޓްރޯލެއް އޮންނަ ގައުމެއް ނޫނެވެ. ލީބިޔާގައި ހަރަކާތްތެރި ވަނީ އެކި ފިކުރުތަކުގެ ހަނގުރާމަވެރިންނެވެ. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ތަޅާފޮޅަމުންދާ އިރު ލިބިޔާގެ ކޮންޓްރޯލް އެއްވެސް ބަޔަކަށް ނޯވެ އެވެ. އެމެރިކާ ވަނީ މިދިޔަ އަހަރު ވެސް އެމެރިކާ އަށް ބޭނުންވެފައިވާ ލީބިޔާގެ ހަނގުރާމަވެރިއަކު ލިބިޔާގައި އުޅެނިކޮށް ވަގަށް ނަގައިގެން ގެންގޮސްފަ އެވެ.
ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް 2012 ވަނަ އަހަރު ބަޔަކު ދިން ޙަމަލާގައި އެދުވަސްވަރު ލީބިޔާގައި ހުންނެވި އެމެރިކާގެ ސަފީރުވެސް ވަނީ އަވަހާރަވެފަ އެވެ. (ރޮއިޓާސް)