18 Jun 2014, 09:09
އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން (ޕިޕިޓާ) ސްޕެއިންގެ ބާސެލޯނާއާ ގުޅިއްޖެ ނަމަ އެކަމާ ވަރަށް އުފާވާނެކަމަށް ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.
ސްޕެއިންގެ ރިޕޯޓުތައް ބުނާގޮތުން ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ފޯވާޑަކީ ބާސާގެ ކޯޗު، ލުއިސް އެންރީކްގެ ޓްރާންފާ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ނަމެވެ. އަދި ހިގައިން އަމިއްލައަށް "ބާސާއިން ޝައުގުވެރިކަން ފާޅުކުރުމަކީ އޭނާ އުފާވާކަމެއް ކަމަށް" ބުނުމަކީ ތުންތުންމަތިން ދެކެވޭ މި ވާހަކައަށް އިތުރު ބާރެއް ލިބިގެން ދާ ކަމެކެވެ.
މިދިޔަ އަހަރު ނަޕޯލީއާ ގުޅުނު ސުޕަ ސްޓާރާ ބެހޭގޮތުން އެޓީމުން ބުނެފައިވަނީ، "ހިގައިން ބާސާއަށް ވިއްކާލަފާނެ ކަމަށް ދެކެވޭ ވާހަކަ ތަކަކީ މުޅިން ދޮގު ވާހަކަތަކެއް" ކަމަށެވެ.
ހިގައިން ބާސާއާ ގުޅުމާ ބެހޭގޮތުން މިފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވާ އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޯ މެސީއަށް ނޫސްވެރިން ކުރިމަތި ކުރި ސުވާލުގެ ޖަވާބުގައި އެސީ ބުނީ ހިގައިން އެނބުރި ލަލީގާއަށް އައުން އެއީ ރަނގަޅު ހިޔާލެއް ކަމަށެވެ.
"އަހަރެން ވަރަށް އުފާވާނެ ހިގައިން ބާސާއަށް އަތުވެއްޖެ ނަމަ،" މެސީ ބުންޏެވެ. "ޝައްކެއްވެސް ނެތްގޮތުގައި ޕިޕިޓާ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އޭނާ މި ޓީމާ ގުޅިއްޖެ ނަމަ އަހަރެމެންނަށް އިތުރު ކާމިޔާބުތަކެއް ލިބޭނެ. އެކަމަކު އަހަރެންގެ ވިސްނުން މިވަގުތު މިހުރީ ހަމަ އެކަނި ވޯލްޑް ކަޕަށް،"
މިފަހަރު ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ބޮސްނިއާ އެންޑް ހެޒަގޮވިނާ އަތުން 2-1 އިން މޮޅުވި އިރު އެ މެޗުގައި މެސީއާ ހިގައިންގެ ފަރާތުން ވަނީ ރަނގަޅު "ޕާޓްނާޝިޕް"އެއް ފެނިގެން ގޮސްފައެވެ.
މެސީ ބުނީ އާޖެންޓީނާގެ ވިސްނުން ހުރީ އީރާނާ ދެކޮޅަށް ކުޅޭ މެޗާއި އަދި ބާކީ ހުރި މެޗުތައް ވެސް ކާމިޔާބުކޮށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުކުރަން ކަމަށެވެ.
"މިހާރު އެންމެ މުހިއްމީ ކުރިއަށް އޮތް ދެ މެޗުން ވެސް މޮޅުވުން،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ހުނަރުވެރި ފޯވާޑް ބުންޏެވެ.