ވޯލްޑް ކަޕްގެ ގްރޫޕް ބީގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލް އަށް ލިބެން ޖެހޭ ޕެނަލްޓީއެއް ރެފްރީ ދީފައި ނުވާ ކަމަށް އެ ޓީމުގެ ފުލް ބެކް މާސެލޯ ބުނެފި އެވެ.

އެސްޓޭޑިއާ ކަސްޓެލާއޯގައި ރޭ ބްރެޒިލް އާއި މެކްސިކޯ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ ދެވަނަ ހާފު ނިމެން ދަނިކޮށް މެކްސިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއަށް މާސެލޯ ވެއްޓުނީ ބޯޅަ ހިފައިގެން ދަނިކޮށް، އޭނާ އަތުން ބޯޅަ ހޯދަން މެކްސިކޯގެ ރައުލް ޖިމެނޭޒް މަސައްކަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.

"އަހަރެން ބޯޅަ ކޮންޓްރޯލް ކުރަން އުޅެނިކޮށް ޖިމެނޭޒް ވަނީ އަހަރެންގެ ކޮނޑުގައި ހިފަހައްޓައިފަ. ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އަހަރެން ހިފަހައްޓައިފި ނަމަ، ޕެނަލްޓީއެއް ލިބެން ޖެހޭނެ. އޭނާ އެކަން ނުކުރި ނަމަ، އަހަރެން ބޯޅަ ހިފައިގެން އެތެރެއަށް ވަދެ ހުރަހެއް ނެގުނީސް،" އެ މައްސަލައާއި ބެހޭގޮތުން މާސެލޯ ބުންޏެވެ.

މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ބާނާޑް ބުނީ، މުހިންމީ މެޗުން ބަލިނުވުން ކަމަށެވެ.

"އަހަރެމެން ބޭނުންވީ މެޗުން ބަލިނުވެ ނިންމާލުން،" އޭނާ ބުންޏެވެ. "އެކަމާއި ބެހޭގޮތުން އަހަރެމެން ކުރިން ވެސް ވާހަކަދެއްކިން. ބައްޔަކުން ސަލާމަތްވާން. މެކްސިކޯ އަތުން އަހަރެމެން ބަލިވި ނަމަ، ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައި ނުވެދާނެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު،"

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅޭ އެންމެ ފަހު މެޗުގައި ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ. އެސްޓޭޑިއޯ ނޭސިއޮނަލްގައި ކެމަރޫނާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 1:00ގަ އެވެ.