ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޝިއާގެ ގޯލްކީޕަރު އިގޯ އަކިންފީވް އަށް ހެދުނު ކަށަކީ މައްސަލައެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

އެރީނާ ޕެންޓަނަލްގައި ރޭ ރަޝިއާ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި ކޮރެއާ އިން ލީޑު ނެގީ 68 ވަނަ މިނެޓްގައި ލީ ކިއުން ހޯ ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. މި ހަމަލާ ރަޝިއާގެ ގޯލަށް ވަދެފައި ވަނީ އެ ޓީމުގެ ތަޖުރިބާކާރު ކީޕަރު އަކިންވީފްގެ އަތް ތެރެއިންނެވެ. ރަޝިއާ ބަލިވަމުން ދަނިކޮށް އެ ޓީމު ސަލާމާތްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ އެލެކްސެންޑާ ކާޒަކޯވް އެވެ.

"ކޮންމެ ގޯލްކީޕަރަކަށް ވެސް ކުށެއް ހެދިދާނެ،" ސްޕޯޓްސް އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ކަޕެއްލޯ ބުންޏެވެ. "މޮޅު ގޯލްކީޕަރެއްގެ ފަރާތުން ހެދުނު ކުށް އަހަރެމެން ގަބޫލުކުރަން. އަކިންވީފް އަކީ ވަރަށް މޮޅު ކީޕަރެއް. ކޮރެއާ އިން ކާމިޔާބުކުރި ގޯލަށް ފަހު، ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ. ފުރަތަމަ ހާފުގައި ވެސް އަހަރެމެންނަށް ލަނޑު ޖަހަން ހަތަރު ފުރުސަތެއް ލިބުނު،"

މިއަދަކީ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ކަޕެއްލޯގެ 68 ވަނަ އުފަން ދުވަހެވެ. ކަޕެއްލޯ ބުނީ، ބަލިނުވެ ރަޝިއާ ޓީމު ސަލާމަތްކޮށްދިނުމަކީ އޭނާ އަށް ލިބިގެންދިޔަ އެންމެ ރަނގަޅު އުފަން ދުވަހުގެ ހަދިޔާ ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ރަޝިއާ ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ގްރޫޕްގެ އެއްވަނައިގައި އޮތް ބެލްޖިއަމްއާ ދެކޮޅަށެވެ. އެސްޑިއޯ މެރަކާނާގައި ކުޅޭ މި މެޗަށް ރަޝިއާ ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00ގަ އެވެ.