ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެލެކްސެންޑާ ކާޒަކޯވް ކާމިޔާބުކުރި ލަނޑުން ރަޝިއާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

އެރީނާ ޕެންޓަނަލްގައި މިރޭ ނިމިގެން ދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ދެވަނަ ހާފުގައި ކޮންމެ ޓީމަކުން ވެސް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ކޮރެއާ އިންނެވެ. މި ލަނޑަކީ ރަޝިއާގެ ތަޖުރިބާކާރު ގޯލްކީޕަރު އިގޯ އަކިންފީވްގެ ފަރުވާކުޑަ ކަމުން ވަދެފައިވާ ލަނޑެކެވެ. މެޗުގެ 68 ވަނަ މިނެޓްގައި ކޮރެއާގެ ކީ ކިއުން ހޯ ދުރުން ފޮނުވާލި ހަމަލާ، ރަޝިއާގެ ގޯލު ތެރެއަށް ވަނީ އަކިންފީވްގެ އަތް ތެރެއިންނެވެ.

މެޗުގައި ރަޝިއާ އަށް އަލިކަމެއް ހޯދައިދިނީ މެޗުގެ 71 ވަނަ މިނެޓްގައި ކުޅެން ނުކުތް ކާޒަކޯވް އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުގައި ރަޝިއާ ޓީމުން ވިދާލި ކާޒަކޯވް، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކުޅެން ނުކުތްތާ ތިން މިނެޓް ތެރޭގައެވެ. މި ލަނޑު ކާޒަކޯވް ކާމިޔާބުކުރީ އަންދުރޭ އެސްޗެންކޯ ދިން ބޯޅައަކުންނެވެ.

މެޗުގައި އެއްވަރުވެ، ދެ ޓީމަށް ޕޮއިންޓެއް ލިބުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ލިބުނީ އެ ގްރޫޕްގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 ލަނޑުން އަލްޖީރިއާ ބަލިކުރި ބެލްޖިއަމް އަށެވެ. މި ވަގުތު ގްރޫޕް އެޗްގެ އެއްވަނައިގައި އޮތީ މުބާރާތުގައި ފޭވަރިޓުންގެ ތެރޭގައި ފާހަގަކޮށްލެވޭ ބެލްޖިއަމް އެވެ.

މި މުބާރާތުގައި އަންނަ އާދީއްތަ ދުވަހު 9:00ގައި ބެލްޖިއަމްއާ ދެކޮޅަށް ރަޝިއާ ނުކުންނަ އިރު، އެރޭ 12:00ގައި ދެކުނު ކޮރެއާ ނުކުންނާނީ އަލްޖީރިއާ އާ ދެކޮޅަށެވެ.