ލޯކަލް ކައުންސިލްތަކުގައި އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓު ލާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 39000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށާއި އެއީ އުއްމީދުކުރި ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން ޒާހިދު މިއަދު ވިދާޅުވީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އަމިއްލަ ރަށް ނޫން އެހެންތަންތަނުގައި ވޯޓު ލުމަށް 30000 އެއްހާ މީހުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ކޮމިޝަނުން ކުރިން ބެލި ނަމަވެސް، އިއްޔެގެ ނިޔަލަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ވަނީ 39718 އަށް އަރައިފައި ކަމަށެވެ.


"ކޮމިޝަނުން ކުރިން ބެލި ވަރަށް ވުރެ ގިނަ ފޯމު ލިބިފައި މިއޮތީ. އެ ފޯމުތައް ޕްރޮސެސްކުރުމަށް ފަހު ވަރަށް އަވަހަށް ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާންކުރެވޭނެ،" ޒާހިދު ވިދާޅުވި އެވެ.


ޒާހިދު ވިދާޅުވި ގޮތުގައި ރަޖިސްޓްރީވި މީހުންގެ ދެބައިކުޅަ އެއްބައި މީހުންގެ ފޯމު ލިބިފައި ވަނީ ޑިސެމްބަރު 16، 2010 ގައި ހުޅުވާލި ރަޖިސްޓްރީވުމުގެ ފުރުސަތު ބަންދުވުމަށް އިއްޔެ ސުންގަޑި ހަމަވުމަށް ކައިރިވެފައި ވަނިކޮށެވެ.


"އިއްޔެ އެކަނި ވެސް 18000 އަށް ވުރެ ގިނަ ފޯމު ލިބިފައިވޭ. އެއީ އޭގެ ކުރީ ހުރިހާ ދުވަހެއްގައި ލިބުނު ފޯމުތައް އެއްކޮށްލުމުން ވެސް ނުލިބޭހާ ގިނަ އަދަދެއް،" ޒާހިދު ވިދާޅުވި އެވެ.


ނަމަވެސް ޒާހިދު ވިދާޅުވީ، "ރާއްޖެ އިން ބޭރުގަ އާއި ރިސޯޓުތަކުގައި ވޯޓު ލެވޭ ތަންތަން އެނގޭވަރު ވާނީ އިއްޔެ ލިބުނު ފޯމްތައް ޕްރޮސެސް ކުރުމަށް ފަހު" ކަމަށެވެ. "މިރެއަށް އެ މަސައްކަތް ނިންމާލުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުން،" އެވެ.


އިލެކްޝަންސް އިން ބުނެފައި ވަނީ ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބަހައްޓުމަށް ތިން ގައުމު ކަނޑައެޅި ނަމަވެސް، މަދުވެގެން 300 މީހުން، ރަޖިސްޓްރީ ނުކުރާ ނަމަ ވޯޓް ފޮށި ނުބަހައްޓާނެ ކަމަށެވެ.


ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައި ވަނީ، އިންޑިއާގެ ޓްރިވެންޑްރަމާއި، މެލޭޝިޔާގެ ވެރިރަށް ކުއާލާ ލަންޕޫރުގެ އިތުރުން ލަންކާގެ ވެރިރަށް ކޮލޮމްބޯ އެވެ.


ނަމަވެސް، އެ ހުރިހާ ގައުމަކުން ލިބުނު ފޯމުތައް އެއްކޮށްލުމުން 250 ވެސް ހަމަނުވާ ކަމަށް އިލެކްޝަންސް އިން މިދިޔަ ހޯމަ ދުވަހު ވަނީ ބުނެފަ އެވެ. އަދި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 100 މީހުން ހަމަވުމުން ކަމަށާއި މިހާތަނަށް އެ އަދަދަށް ރަޖިސްޓްރީކުރީ އެންމެ ފަސް ރިސޯޓަކުން ކަމަށް ވެސް އިލެކްޝަންސް އިން ބުންޏެވެ.


އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، އަމިއްލަ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުށަހެޅި މީހުންގެ އަދަދާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.


"ބައެއް ފަރާތްތައް ރަޖިސްޓްރޭޝަން ކްލޯސްކުރި ފަހުން ވަޑައިގެންނެވިކަން ވަރަށް ދެރަވަން. އެނޫނިއްޔާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ދިޔަ،" ފުއާދު ވިދާޅުވި އެވެ. އަދި އިއްޔެ އެކަނިވެސް ރަޖިސްޓްރީވުމަށް ހުށަހެޅި މީހުންގެ އަދަދަށް ބަލާއިރު "އިންތިހާބުގައި ވެސް ވަރަށް ރަނގަޅު ޕާޓިސިޕޭޝަނެއް ލިބޭނެ" ކަން ފުއާދު ފާހަގަކުރެއްވި އެވެ.