ގްރޫޕް ސްޓޭޖްގައި ގައި ގޯލްކީޕަރު ގުއެލަމޯ އޮޗާގެ އާދަޔާ ހިލާފު "ސޭވް"ތަކާއެކު މެކްސިކޯއިން ބްރެޒިލް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިފި އެވެ.

އަމިއްލަ ފަސްގަނޑުގައި ބްރެޒިލް ޓީމުން ކުޅުނު މި މެޗުގައި އެޓީމުން އުފެއްދި ނުރައްކާތެރި އެތައް ހަމަލާއެއްގެ ހުރަހަކަށް ވެގެން ދިޔައީ ފްރާންސް ލީގުން މިދިޔަ ސީޒަންގައި ރެލިގޭޓްވި ކްލަބެއް ކަމަށްވާ އޭސީ އަޔަސިއޯއަށް ކުޅޭ އުމުރުން 28 އަހަރުގެ ގޯލް ކީޕަރު އޮޗާއެވެ.

ފޯޓަލޭޒާގެ އެސްޓާޑިއޯ ކަސްޓެލާއޯގައި ކުޅުނު ފޯރިގަދަ މެޗުގައި ބްރެޒިލްގެ ޒުވާން ތަރި، ނޭމާ ވަނީ، މެކްސިކޯގެ ގޯލަށް މެދު ނުކެނޑި ނުރައްކާތެރި އެތަށް ހަމަލާއެއް ކުރިމަތި ކުރުވާފައެވެ. އޭގެ ތެރެއިން މެޗުގެ 26 ވަނަ މިނިޓްގައި ޑެނީ އަލްވޭޒް މެކްސިކޯ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން ނޭމާ ބޮލުން ޖަހައި މެކްސިކޯ ގޯލަށް ފޮނުވާލި ބާރު ހަމަލާ އޮޗާ ދިފާއުކޮށް ބޭރަށް ފޮނުވާލީ ގޯލްގެ ރޮނގުމަތިންނެވެ.

މި މެޗުގެ ނަތީޖާއާ އެކު ދެޓީމުން ކުރެ ކޮންމެ ޓީމަކަށް ވެސް ހަތަރު ޕޮއިންޓު ލިބިފައި ވާ އިރު ބްރެޒިލަށް ގްރޫޕްގެ އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ބްރެޒިލްގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި މެކްސިކޯ ކީޕަރު ވަނީ، ބްރެޒިލަށް މެކްސިކޯގެ ގޯލް ހުޅުވާލެވޭ ފަދަ ނުރައްކާތެރި ހަތަރު ހަމަލާއެއް ދިފާއުކޮށްފައެވެ. އެގޮތުން 43 ވަނަ މިނިޓްގައި ޕައުލީނިއޯ ފޮނުވާލި ނުރައްކާތެރި ހަމަލާއާއި، 68 ވަނަ މިނިޓްގާއި ބެނާޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ނޭމާ ފޮނުވާލި ނުރައްކާތެރި ހަމަލާއަކާއި، މެޗުގެ 86 ވަނަ މިނިޓްގައި ނޭމާ ނަގައި ދިން ހުރަހަކުން ތިއާގޯ ސިލްވާ ބޮލުން ޖަހައި ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކޮށްލެވެއެވެ.

މެކްސިކޯއިން މި މެޗުގައި އުފެއްދި އެންމެ ރަނގަޅު ހަމަލާ ފެނިގެން ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓް ތެރޭގައެވެ. އަންދްރޭސް ގުއަޑާޑޯ ބްރެޒިލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން ރައުލް ޖިމެނޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާ ބްރެޒިލްގެ ގޯލް ކީޕަރު ހޫލިއޯ ސެސާ ދިފާއުކުރީއެވެ.

ބްރެޒިލްގެ ތިއާގޯ ސިލްވާއާއި ރަމިރޭޒް އަދި މެކްސިކޯގެ އެކުއިލާއާއި ވަޒްކޭޒަށް ރީނދޫ ކާޑާއެކު ޖުމުލަ ހަތަރު ރީނދޫ ކާޑު ފެނިގެން ދިޔަ މި މެޗުގެ 53 ޕަސެންޓް ބޯލް ޕޮސެޝަން ހިފެހެއްޓީ ބްރެޒިލުން ނެވެ.

މެކްސިކޯ ކޮޅަށް ބްރެޒިލުން 15 ހަމަލާއެއް އުފެއްދި އިރު އޭގެ ތެރެއިން ހަ ހަމަލާ ގޯލަށް އަމާޒު ކުރިއެވެ. އަދި ބްރެޒިލް ކޮޅަށް މެކްސިކޯއިން އުފެއްދި 13 ހަމަލާގެ ތެރެއިން އެޓީމަށް ގޯލަށް އަމާޒު ކުރެވުނީ އެންމެ ދެ ހަމަލާއެވެ.

މި މުބާރާތުގައި މެކްސިކޯ ކުޅުނު ދެވަނަ މެޗަށް ވާއިރު އެޓީމުގެ ގޯލަށް އަދި މިހާތަނަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

މި މެޗަކީ މި މުބާރާތުގައި އެއްވަރު ވެގެން ނިމުނު ދެވަނަ މެޗެވެ. ގްރޫޕް އެފްގައި ރޭ އީރާނާއި ނައިޖީރިއާ ވާދަކުރި މެޗު ވެސް ނިމިގެން ގޮސްފައި ވަނީ، ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.

ގްރޫޕް ސްޓޭޖްގައި ބްރެޒިލް ދެން ކުޅެން ޖެހޭނީ ކެމަރޫނާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00ގައެވެ. މެކްސިކޯ ދެން ކުޅޭ މެޗުގައި ނުކުންނާނީ ހަމަ އެރޭ 1:00ގައި ކްރޮއޭޝީއާއާ ދެކޮޅަށެވެ.