17 Jun 2014, 23:49
މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "އެޗް"ގައި މިރޭ އަލްޖީރިއާއިން ފުރަތަމަ ހާފްގައި ލަނޑެއް ޖަހއި ކުރި ހޯދާ ފައި ވަނިކޮށް ދެވަނަ ހާފުގައި ބެލްޖިއަމުން ޖެހި ދެ ލަނޑާއެކު މޮޅުވެ، މުބާރާތުގެ ފެށުން އެ ޓީމުން ރަނގަޅު ކޮށްފި އެވެ.
ބްރެޒިލްގެ އެސްޓާޑިއޯ މިނެއިރާއޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލްޖީރިއާއިންނެވެ. އެލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ސޮފިއާން ފެގޫލީ އެވެ. މި ޕެނަލްޓީއަކީ ފެގޫލީއަށް ޓޮޓެންހަމް އަށް ކުޅޭ ބެލްޖިއަމް ޑިފެންޑަރު ޔެން ވާޓޮންގެން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މިރޭ ބެލްޖިއަމް ކޮޅަށް އަލްޖީރިއާއިން ޖެހި ގޯލަކީ ފާއިތުވި ހަ ވޯލްޑް ކަޕްގެ ތެރެއިން ފުރަތަމަ ފަހަރަށް ޖެހި ގޯލް ކަން ފާހަގަ ކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި އަލްޖީރިއާއިން ލީޑް ނެގި ނަމަވެސް ބެލްޖިއަމްގެ ފަރާތުން ގިނަ ހަމަލާތަކެއް އަލްޖީރިއާގެ ގޯލަށް އުފައްދަމުން ދިޔައެވެ. ނަމަވެސް ބެލްޖިއަމްގެ ފޯވާޑުން އުފައްދަމުން ދިޔަ ބާރު ހަމަލާތައް ހުޝިޔާރު ކަމާއެކު އަލްޖީރިއާގެ ގޯލް ކީޕަރު ދިފާއު ކުރިއެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ބެލްޖިއަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ކުޅުންތެރިއަކީ މެޗުގެ 65 ވަނަ މިނެޓުގައި ކުޅެން ނިކުތް އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ފެލައިނީ އެވެ. އޭނާ އެލަނޑު އަލްޖީރިއާގެ ގޯލަށް ވައްދާލީ ބެލްޖިއަމްގެ މިޑްފީލްޑަރު ޑި ބްރައިން ނަގައިދިން ރީތި ހުރަހަކުން ބޮލުން ޖަހައި ގޯލުގެ ހުރަސް ދަނޑީގައި ޖައްސައިފައެވެ.
އަލްޖީރިއާ ސިއްސުވާލައި ބެލްޖިއަމްއިން ގްރޫޕްގެ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރު ކުރި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނަޕޯލީއަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ފޯވާޑް ޑްރައިސް މާޓެންސް އެވެ.
މިރޭގެ މެޗުން ބެލްޖިއަމް މޮޅުވެފައި ވާއިރު، އެންމެ ފަހުން ވާދަކުރި ދެ ވޯލްޑް ކަޕް 1998 އަދި 2002 ވަނަ އަހަރު ގްރޫޕް ސްޓޭޖްގައި ބެލްޖިއަމް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ގުރޫޕް އެޗްގެ ދެ ވަނަ މެޗުގައި މިރޭ ދަންވަރު ރާއްޖޭ ގަޑިން 3:00ގައި ނުކުންނަ ދެޓީމަކީ ރަޝިއާ އާއި ކޮރެއާ ރިޕަބްލިކެވެ.