އިޓަލީގެ އިންޓަ މިލާނަށް ކުޅޭ އާޖެންޓީނާ ފޯވާޑް ރޮޑްރިގޯ ޕަލާޝިއޯ ވަނީ އާޖެންޓީނާގެ ވާދަވެރި ސްކޮޑަށް އޭނާ ނެގުމުން އެކަމާ އުފާފާޅުކޮށްފައެވެ. އަދި ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ޓްރިނިޑާޑް އެންޑް ޓޮބޭގޯއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑެއް ވެސް ޖަހައިފައެވެ.

ޕަލާޝިއޯގެ އުފާވެރިކަމަށް ކުއްލި ހިތްދަތިކަމެއް މެދުވެރިވެގެން ދިޔައީ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ ކޮޅަށް އޭނާ ލަނޑު ޖެހި އެ މެޗުގައި އޭނާގެ ކަނާތު ފައިގެ ކުޑަހުޅު އެނބުރި އަނިޔާ ވުމުގެ ސަބަބުންނެވެ. އެހާހިސާބުން ވޯލްޑް ކަޕަށް އޭނާ ކުރަމުން ގެންދިޔަ ފޮނި އުންމީދުތައް މުބާރާތް ފެށުމުގެ ކުރިން ނިމުމަކަށް އައީ ކަމުގެ އިހްސާސް ޕަލާޝިއޯއަށް ކުރެވިގެން ދިޔައެވެ.

ވޯލްޑް ކަޕަށް ތައްޔާރުވަމުން އައި ދުވަސްވަރު ފުޓްބޯޅައިގެ ދުނިޔޭގައި ނަން މަޝްހޫރު ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން މުބާރާތަށް އަލްވަދާޢު ކިޔަން ޖެހުނު ކަމުގައި ވީ ނަމަވެސް، ޕަލާޝިއޯއަށް އޭނާގެ ޓީމުން ލިބުނު ޖާގަ ނަސީބަކުން ގެއްލިގެނެއް ނުދިޔައެވެ.

އުމުރުން 32 އަހަރުގެ ހުނަރުވެރި ފޯވާޑް މިހާރުވަނީ، އަނިޔާއިން ސަލާމަތްވެ، އެނބުރި އާޖެންޓީނާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ. އިންޓައަށް ކުޅޭ ތަޖުރިބާކާރު ފޯވާޑްގެ މިހާރު ދެކެމުން އަންނަ ހުވަފެނަކީ، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ޓީމުގައި އޭނާއަށް އިތުރު މެޗެއް ކުޅެން ފުރުސަތެއް ލިބުމެވެ.

ބެލޯ ހޮރިޒޮންޓޭގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ޕަލާޝިއޯ ބުނީ، އާޖެންޓީނާގެ އެޓޭކިންއަށް ކުޅުންތެރިން ނެގުމުގައި އެންމެ ފުރަތަމަ އިހުތިޔާރު ކުރާނީ، ސާޖިއޯ އަގުއެރޯ އާއި ގޮންޒާލޯ ހިގައިން އާއި ލިއޮނަލް މެސީކަން އޭނާ ގަބޫލުކުރާ ކަމަށެވެ.

"އެކަމަކު އަހަރެން މިހުރީ ކޯޗު އަހަރެންގެ ބޭނުން ހިފަން ބޭނުންވެއްޖެ ހާލަތެއްގައި އެކަމަށް ފުރިހަމައަށް ތައްޔާރަށް. ފަހަރެއްގައި ޓެކްޓިކްސް އަށް ބަދަލެއް ގެންނަން ޖެހޭ ހާލަތުގައި އެ ފުރުސަތު ލިބިދާނެ،" ޕަލާޝިއޯ ބުންޏެވެ.

ޕަލާޝިއޯ މިހާތަނަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެފައި ވަނީ، އެންމެ ފަހަރަކުއެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އައިވަރީ ކޯސްޓާ ދެކޮޅަށް އޭނާ ދަނޑަށް އެރީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައެއް ނުވެއެވެ. (އޭޕީ)