މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގާނާ އަތުން 2-1 ލަނޑުން އެމެރިކާ މޮޅުވި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ކެޕްޓަން ކްލިންޓް ޑެމްޕްސީ ކާމިޔާބުކުރީ މެޗުގެ 30 ވަނަ ސިކުންތުގައި ކަމަށް ފީފާއިން ރަސްމީކޮށް ނިންމައިފި އެވެ.

ބްރެޒިލްގެ ނާޓަލްގެ ޑަސް ޑުނާސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑާއެކު ޑެމްސީ ވެގެން ގޮސްފައި ވަނީ، ވޯލްޑް ކަޕްގެ ތާރީޚުގައި ފަސް ވަނައަށް އެންމެ އަވަސް ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ.

ފީފާއިން މިއަދު ރަސްމީކޮށް ވަކިގޮތެއް ނިންމުމުގެ ކުރިން ޑެމްސީ ލަނޑު ޖެހި ވަގުތުކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ، 29 ވަނަ ސިކުންތުގައި ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ކާމިޔާބުކުރި އެންމެ އަވަހަށް ޖެހި ލަނޑުގެ ރެކޯޑު ހަދާފައި ވަނީ ތުރުކީގެ ކުރީގެ ފޯވާޑް ހަކާން ސުކާ އެވެ. އޭނާ އެލަނޑު ޖަހާފައި ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގެ 11 ވަނަ ސިކުންތުގައެވެ.

ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ އަވަހަށް ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ، ޗޮކްސްލަވާކިޔާގެ ކުރީގެ ތަރި ވެކްލަވް މަސޭކް އަތުގައެވެ. 1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގެ 16 ވަނަ ސިކުންތުގައެވެ.

ޖަރުމަނުގެ ކުރީގެ ތަރި އާންސް ލޭނާ 1934 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރިއާއާ ދެކޮޅަށް ޖަރުމަނުކުޅުނު މެޗުގެ 25 ވަނަ ސިކުންތުގައި ޖެހި ލަނޑާއެކު ގާއިމް ކުރި އެންމެ އަވަސް ލަނޑުގެ ރެކޯޑް މިހާރު ތިންވަނައިގައި އޮތް އިރު ހަތަރު ވަނައިގައި އޮތީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލޭންޑްގެ ބްރާޔަން ރޮބްސަން ފްރާންސް ކޮޅަށް މެޗުގެ 27 ވަނަ ސިކުންތުގައި ޖެހި ލަނޑެވެ.

ރޭ އެމެރިކާއަށް ގާނާގެ ގޯލް ހުޅުވާލަދިން ލަނޑާއެކު ޑެމްސީ ވެގެން ގޮސްފައި ވަނީ، ވޯލްޑް ކަޕްގެ ތިން މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި އެމެރިކާ ކުޅުންތެރިޔާ އަށެވެ. (އޭޕީ)