ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގެ ދެވަނަ މެޗުގައި މިރޭ ރަޝިޔާއާއި ކޮރެއާ ރިޕަބްލިކް ކުރިމަތިލާއިރު ދެ ޓީމުގެ ވެސް އުންމީދަކަށް ވާނީ، މުބާރާތުގައި އެ ދެޓީމުގެ ފެށުން ފޮނިކޮށް، ކުރިއަށް ހުރި މެޗުތަކަށް އޭގެ ފައިދާ ކުރާނޭ ނަތީޖާއެއް ނެރުމެވެ.

ރަޝިޔާއިން މި މުބާރާތަށް ނުކުންނަނީ އަނިޔާގެ ސަަބަބުން ފަހު ވަގުތުގައި މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނު އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަދި ޓީމުގެ ކެޕްޓަން ރޯމަން ޝިރޮކޯފްއާ ނުލައެވެ. ޝިރުކޯފްގެ ބަދަަލުގައި ރަޝިޔާ ޓީމު ގޮވައިގެން ދަނޑަށް އަރާނޭ ކަމަށް ބެލެވެނީ އެލެކްސެންޑްރާ ކެރްޒަކޯފް އެވެ. ހަމަ އެހެންމެ އެލެކްސެންޑްރަވް ކޮކްރިން ވެސް މި މެޗުގައި ކުޅޭނެކަމަށް ބެލެވެއެވެ.

މިރޭގެ މެޗަށް ނުކުންނައިރު ކޮރެއާ އެންމެ ފަހުން ކުޅުނު އެކުވެރި ކަމުގެ މެޗްގައި ބައިކޮޅަށް ހަތަރު ލަނޑު ވަނުމުން އެ މެޗްގައި ފުރުސަތު ލިބިފައި ނުވާ އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ހުންޖޮންހޯ އަށް ފުރުސަތު ދޭނެކަމަށް ބެލެވެއެވެ. ފޯވާޑް ލައިނުގައި ނަގާކިޔަން އެންމެ ކުރީގައި ހުންނާނެ ކަމަށް ބެލެވެނީ އާސެނަލްގެ ފޯވާޑް ޕާކް ޗިޔޮންގެވެ.

* ދެޓީމުގެ ކުރިމަތިލުންތައް

މި ދެ ޓީމު މިހާތަނަށް ބައްދަލު ކޮއްފައި ވަނީ މިދިޔަ އަހަރު ނޮވެންބަރުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު 2-1 ލަނޑުން ކާމިޔާބު ކޮއްފައި ވަނީ ރަޝިޔާ އެވެ.

* ރަޝިޔާ
ރަޝިޔާ މިނިވަން ދައަލުތެއްގެ ގޮތުގައި ނުކުމެ ވޯލްޑް ކަޕްގެ ތާރީހުގައި އަދި މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނަޅައި ގޮސްފައެއް ނުވެއެވެ. ފަބިޔޯ ކަޕެއްލޯގެ ކޯޗުކަމުގެ ދަށުން މިހާތަނަށް އެޓިމު ކުޅުނު 20 މެޗްގެ ތެރެއިން ބަލިވެފައި ވަނީ އެންމެ ދެ މެޗުންނެވެ.

ވޯލްޑް ކަޕްގައި ރަޝިޔާ މިހާތަނަށް ކުޅުނު 6 މެޗުގެ ތެރެއިން ބައިކޮޅަަށް ގޯލެއް ވަނަ ނުދީ މެޗު ނިންމައިލެވުނީ 2002 ވަނަ އަހަރު ޓިއުނީޝިޔާއާ ވާދަކޮށް 2-0 މޮޅުވިމެޗުންނެވެ.

* ކޮރެއާ ރިޕަބްލިކް

މިފަހަރުގެ ވޯލްޑް ކަޕަކީ ދެކުނު ކޮރެޔާ ވިދިވިދިގެން މި މުބާރާތުގައި ބައިވެރިވާ 8 ވަނަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު 2 ވޯލްޑް ކަޕް ކަމަށްވާ 2006 އަދި 2010 ގައި ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައި ވަނީ އެން ދެ މެޗުންނެވެ. އެއީ 2006 ވަނަ އަހަރު ޓޯގޯ އަތުންނާއި 2010 ވަނަ އަހަރު ގްރީސް އަތުންނެވެ.

މިރޭގެ މެޗަށް ރަޝިޔާއާ ދެކޮޅަށް ކޮރެއާ ނުކުންނަ އިރު އެޓީމުގައި އުމުރުން 31 އަހަރުގެ ކައު ތެއި ހިއު އަކީ ޓީމުގައި ހުރި 30 އަހަރުން މަތީގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. އެހެން ނަމަވެސް ރަޝިޔާ ސްކޮޑްގައި 30 އަހަރުންމަތީގެ 7 ކުޅުންތެރިން ހިމެނެއެވެ.

ބްރެޒިލްގެ ކުއިބާގެ އެރީނާ ޕެންޓާނަލްގައި ރަޝިޔާއާއި ކޮރެއާ ވާދަކުރާ މެޗު ފަށާނީ، ރާއްޖޭ ގަޑިން މިރޭ ދަންވަރު 3:00ގަ އެވެ.