17 Jun 2014, 19:39
ދިރާގު ދިވެހި ލީގުގެ ދެ ވަނަ މެޗުގައި އީގަލްސްގެ ފޯވާޑް އިސްމާއިލް އީސާ (މެސީ) ކާމިޔާބުކުރި ތިން ލަނޑާއެކު މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 6-1 ލަނޑުން ފަސޭހަ ކަމާއެކު މޮޅުވެ އީގަލްސްއިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހއި މެޗުގެ ލީޑް ނެގީ އީގަލްސްއިންނެވެ. އެލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި އީގަލްސްއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އެޓީމުގެ ލީޑް ފުޅާ ކޮށްދިން ލަނޑު މެޗުގެ 26 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ވެސް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް އީގަލްސް އިން ނެގިކަމުގައި ވިޔަސް، މަހިބަދޫއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން މަހިބަދޫ ޓީމުގެ ހުސެއިން ނިޔާޒް (ބޮކުރީ) އާއި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނެކެމޮންއަށް ގޯލް ޖަހަން ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެ. އެ ދެކުޅުންތެރިން ވެސް އީގަލްސްގެ ގޯލަށް އަމާޒް ކޮށް ފޮނުވާލި ހަމަލާތައް އީގަސްގެ ކީޕަރު މުހައްމަދު ފައިސަލް ހުޝިޔާރު ކަމާއެެކު އެކު ދިފާއު ކުރިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މަހިބަދޫއަށް ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ 42 ވަނަ މިނެޓުގައި އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 3-0 ލަނޑަށް ބަދަލުކޮށް ލުމެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެ ވެނަ ހާފުގައި މަހިބަދޫ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، އެޓީމުގެ ފޯވާޑް ހުސެއިން ނިޔާޒް (ބޮކުރީ) ކުރި ފަހުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މެޗުގެ ބަކީ ބައި 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ މަހިބަދޫއިން އީގަލްސް ކޮޅަށް ޖެހި ހަމައެކަނި ލަނޑު އެޓީމަށް މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަބްދުﷲ މިދުހަތެވެ. އަދި އެލަނޑު އީގަލްސް ކޮޅަށް ޖެހިތާ މާގިނައިރު ތަކެއް ނުވަނީސް، އިތުރު ދެ ހަމަލައެއް އީގަލްސްގެ ކޮޅަށް މިދުހަތު އުފެއްދިއެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އީގަލްސްގެ ގޯލަށް މިދުހަތު ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އެއް އަރިމަތީ ދަނޑިއަށެވެ. އަދި މިދުހަތު ފޮނުވާލި ދެ ވަނަ ހަމަލާ ދިޔައީ އީގަލްސްގެ ގޯލް ހުރަސް ދަނޑިމަތިން ބޭރަށެވެ.
މިއަދުގެ މެޗުގައި މަހިބަދޫ ކޮޅަށް އީގަސްއިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން މެސީ އެވެ. މަހިބަދޫގެ ޕެނަލްޓީ އޭރިޔާ ބޭރުން މެސީ ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯޅުގެ އެއް އަރިމަތީ ކަނަށެވެ. އަދި މެސީގެ ފަރާތުން ފެނުނު ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގައި މެސީ ހެޓްރިކް ހެދި ލަނޑު މަހިބަދޫ ކޮޅަށް ޖެހީ އިތުރު ވަގުތުގެ ތިން މިނެޓުގެ ކުޅުން ކުރިއަށް ދަނިކޮށެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗް އިހުސާން އަބްދުލްޣަނީ (ސާންތީ) ބުނީ، ފުރަތަމަ މެޗާ ބަލާއިރު ޓީމުން ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށާއި ލިބުނު ކާމިޔާބީ އަކީ ކުރިއަށް ހުރިމެޗްތަކުގައި އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ހިތް ވަރެއް ކަމަށެވެ. އަދި މެޗުގައި މެސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި ކުރިއަށް ހުރި މެޗްތަކުގައި މެސީގެ ކުޅުން އިތުރަށް ރަނގަޅު ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ސާތީ ބުންޏެވެ.
"ޓީމުގެ ކުޅުމާ މެދު ހިތް ހަމަޖެހޭ. ކުރިއަށް ހުރި މެތްތަކުގައި ކާމިޔާބު ހޯދުމަށް ދެން ވެސް މަސައްކަތް ކުރާނަން. ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ދެން އޮތް މެޗުގައި ފެންނާނެ." ސާންތީ ބުންޏެވެ.
މެޗުން ބަލިވި މަހިބަދޫ ޓީމުގެ ކޯޗް މުހައްމަދު ސިއާޒް (މޯހަން) ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި ދެ ވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. އަދި ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފުނު ނަމަ، ޓީމުގެ ކުޅުން އިތުރަށް ރަނގަޅުވީސް ކަމަށް މޯހަން ބުންޏެވެ.
"ފުރަތަމަ މެޗާ ބަލާއިރު ކުޅުން ރަނގަޅު. ލަނޑު ޖަހަން ވެސް ރަނގަޅު ފުރުސަތު ތަކެއް ލިބުނު. ބިދޭސީ ކުޅުންތެރިންގެ ފަރާތުން ވެސް ހިތް ހަމަޖެހޭ ވަރުގެ ކުޅުމެއް ފެނުނު. އެކަކު މަދުކޮށް ކުޅެން ޖެހުމުން އެތަން ޓީމަށް ދެއްކި" މޯހަން ބުންޏެވެ.
ދިވެހި ލީގުގެ ތިން ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ވިކްޓަރީ އާއި ވެލެންސިއާ އެވެ. މެޗް ކުޅޭނީ މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.