ވޯލްޑް ކަޕް ގްރޫޕް އޭގެ ތިން ވަނަ މެޗަށް ބްރެޒިލާއި މެކްސިކޯ މިރޭ ކުރިމަތިލާއިރު މުބާރާތިގައި މި ދެޓީމު ކުޅުނު ފުރަތަމަ މެޗު، ކޮންމެ ޓީމެއް ވެސް ވަނީ، ކާމިޔާބުކޮށްފައެވެ. އެހެން ކަމުން މިރޭގެ މެޗަށް ދެޓީމު ވެސް ނުކުންނާނީ، ގްރޫޕްގެ އެއްވަނަ މަގާމު ހޯދައި ދެވަނަ ބުރުގެ ފުރުސަތު ކަށަވަރު ކުރަން މި މެޗުން ލިބޭ ތިން ޕޮއިންޓުގެ މުހިއްމުކަން ރަނގަޅަށް އެނގި ތިބެގެންނެވެ.

މި މުބާރާތް ހުޅުވި މެޗުގައި ބްރެޒިލް ވަނީ، ކްރޮއޭޝިޔާ އަތުން 3-1 މޮޅުވެފައެވެ. އަދި މެކްސިކޯ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ކެމަރޫންއާ ވާދަކޮށް 1-0 އިން މޮޅުވެފައެވެ.

މިރޭ ރާއްޖޭ ގަޑިން މެންދަމު 12:00ގައި ކުޅޭ މެޗަށް ދެ ޓީމުވެސް ތައްޔާރު ވެފައި ވާ އިރު، ބްރެޒިލްގެ ފޯވާޑް ހަލްކު ވަނީ އެޓީމުން އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ވަކި ހިސާބަކުން ވަކިވެފައެވެ. ހަލްކަށް ނުކުޅެވިއްޖެ ނަމަ އޭނާޣެ ބަދަލުގައި އެތަނަށް ކުޅޭނެކަމަށް ބޮޑަށް ބެލެވެނީ ރެމިރޭސް ނުވަތަ ބާނާޑްއެވެ. ހަލްކަށް ކުޅެވޭ ގޮތް ވެއްޖެނަމަ ބޮޑަށް ގަބޫލު ކުރެވެނީ ކްރެއޭޝިޔާއާ ދެކޮޅަށް ބްރެޒިލުން ބޭނުންކުރި ފުރަތަމަ 11 ނުކުންނާނެ ކަމަށެވެ.

މެކްސިކޯ ޓީމުގައި އިންޖަރީގެ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނެތެވެ. ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި މެކްސިކޯއިން މިމެޗަށް ނުކުންނީ އެޓޭކިން ސިސްޓަމަކަށް ރޭވިގެންނެވެ. އެޓީމުން ބްރެޒިލްއާ ދެކޮޅަށް ކުޅޭނެކަމަށް ބެލެވެނީ 2-3-5 ފޯމޭޝަން އަށެވެ.

ފުޓްބޯޅައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު 21 ވަނަ ގަރުނުގައި މެކްސިކޯއަށް ވުރެ ގިނައިން ބްރެޒިލް އަތުން މޮޅުވި ޓީމެއްނެތެވެ. މި ދެޓީމު 12 ފަހަރު ބައްދަލުކޮށްފައި ވާއިރު އޭގެ ތެރެއިން މެކްސިކޯ ވަނީ 6 މެޗުން މޮޅުވެ ދެމެޗުން އެއްވަރު ކޮށްފައެވެ. އޭގެ ކުރިން މި ދެ ޓީމު 1999 ވަނަ އަހަރުގެ ކޮންފެޑްރޭޝަންސް ކަޕްގެ ފައިނަލްގައި ވާދަކުރި މެޗު ވެސް ކާމިޔާބު ކޮއްފަވަނީ މެކްސިކޯ އެވެ.

* ދެޓީމުގެ ކުރީގެ ކުރިމަތިލުންތައް

ވޭތުވެ ދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މި ދެޓީމު 13 ފަަހަރު ވާދަކޮށްްފައި ވާ އިރު މެކްސިކޯ ވަނީ 7 މެޗުން މޮޅުވެ 2 މެޗް އެއްވަރަކޮއް 4 މެޗުން ބަލިވެފަވެއެވެ.

އެންމެ ފަހުން ބްރެޒިލްގެ ފަސްގަނޑުގައި އެ ޓީމު އަތުން މެކްސިކޯ މޮޅުވެފައި ވަނީ 1968 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 2-1 ލަނޑުންނެވެ.

* ބްރެޒިލް

ބްރެޒިލް އެންމެ ފަހުން ކުޅުނު 10 މެޗުން 33 ގޯލް ކާމިޔާބު ކޮއްފައި ވާ އިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ 3 ގޯލްއެވެ. އަމިއްލަ ގައުމުގައި ކުޅެ 2002 ވަނަ އަހަރު ޕެރްގުއާއި އަތުން ބަލިވިފަހުން ބްރެޒިލް މިހާރުވަނީ އަމިއްލަ ފަސްގަނޑުގައި ބަލިނުވެ 38 މެޗް ހަމަކޮއްފައެވެ.

ބްރެޒިލްގެ ނޭމާ ވަނީ މިހާތަނަށް ޓީމަށް 50 މެޗު ކުޅެ 33 ލަނޑު ޖަހައި ދީފައެވެ. އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ 29 މެޗްގައި ނާމޭ 24 ގޯލް ކާމިޔާބު ކޮށްފައި ވެއެވެ.

* މެކްސިކޯ

މެކްސިކޯ ވަނީ ފަސް ވޯލްޑް ކަޕެއްގައި ގަދަ 16 އިން ޖާގަ ހޯދައިފައެވެ. ގިނަ ފަހަރުތަކުގައި މެކްސިކޯ މުބާރާތުން އަލްވަދާއު ކިޔަނީ ދެ ވަނަ ބުރާއި ހަމައިންނެވެ.

މިގުއިލް ހެރޭރާގެ ކޯޗްކަމުގެއި މެކްސިކޯ ކުޅުނު 10 މެޗުން 6 މެޗު ކާމިޔާބުކޮށް ބަލިވެފައި ވަނީ 2 މެޗުންނެވެ. މެކްސިކޯގެ ޕެރްލަތާ ވަނީ ކުޅުނު ހަތް މެޗުން ނުވަގޯލް ޖަހައިފައެވެ. އޭގެތެރޭގައި މި މުބާރާތުގައި މެކްސިކޯ ކުޅުނު ފުރަތަމަ މެޗްގަ ޖެހިލަނޑުވެސް ހިމެނެ އެވެ.