17 Jun 2014, 17:28
ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި މިރޭ ބެލްޖިއަމްއާއި އަލްޖީރިއާ ކުރިމަތި ލާއިރު މި ދެޓީމުވެސް މިހާރު ވަނީ، އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިފައެވެ. އެހެން ނަމަވެސް ދެޓީމުގައި ވެސް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.
މިރޭ ރާއްޖޭ ގަޑިން 9:00ގައި އަލްޖީރިއާއާ ދެކޮޅަށް ނުކުންނަ އިރު އެޓީމުގެ މިޑްފީލްޑަރު ކެވިން ޑި ބްރުއިންއާއި ޑިވޮކް އޮރިޖީއާއި އަދި ޓީމުގެ ބައެއް ކުޅުންތެރިން އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކަށް ކުރިމަތިވެފާވާކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އެޓީމުގެ އުންމީދީ ޒުވާން ފޯވާޑް ރޮމެލޫ ލުކާކޫ އަނިޔާގެ ސަބަބުން އެންމެފަހުން ނުކުޅުނު ނަމަވެސް މިމެޗަށް ފުރިހަމައަށް ފިޓްވެފައި ވާކަމަށް ވެއެވެ. މިއީ 12 އަހަރު ފަހުން ބެލްޖިއަމް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އަލްޖީރިޔާއަށް އޮތްއެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ މިޑްފީލްޑަރު ހަސަން ޔެބާއަށް އަނިޔާވެ މިމެޗުގައި ކުޅެވޭނެ ކަމުގެ އުންމީދު ގެއްލުމެވެ. މި ކުޅުންތެރިޔާ ފިޔަވައި މުޅިޓީމު އޮތީ މެޗަށް ފިޓް ވެފައެވެ. ޓީމް ލީޑް ކުރާނީ ކުރީގެ ރޭންޖަސްއަށް ކުޅުނު މާޖިދް ބޮގީރާއެވެ.
* ދެޓީމުގެ ބައްދުލުކުރުންތަށް
މި ދެޓީމު ބައިނަލްއަގްވާމީ މުބާރާތެއްގައި މިހާތަނަށް ވާދަކޮއްފައެއް ނުވެއެވެ. މި ދެޓީމް 2002 ވަނަ އަހަރު ވާދަކުރި ރަހުމަތްތެރި ކަމަުގެ މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނެއް ކަމަކު އެ އަހަރުގެ ފަހުކޮޅު މިދެޓީމް ވާދަކުރި މެޗް 3-1 ލަނޑުން ކާމިޔާބު ކުރީ ބެލްޖިއަމް އެވެ.
* ބެލްޖިއަމް:
މިފަހަރުގެ މުބާރާތުން ބެލްޖިއަމް ރޭންކު ކުރަނީ ބްރެޒިލް، އާޖެންޓީނާ، ޖަރުމަނު އަދި ސްޕެއިން ނެގުމަށްފަހު ފަސްވަނަ ފޭވަރިޓުންގެ ގޮތުގައެވެ.
އެންމެ ފަހުން ވާދަކުރި ދެ ވޯލްޑް ކަޕް 1998 އަދި 2002 ވަނަ އަހަރު ގްރޫޕް ސްޓޭޖްގައި ބެލްޖިއަމް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެއްމެޗުން ވަނީ މޮޅުވެ ފަސް މެޗުން އެއްވަރުވެއެވެ.
ބެލްޖިއަމްއަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ހަމައެކިނި މޮޅެއް ލިބިފިވަނީ 2002 ވަނަ އަހަރު ރަޝިޔާ ވާދަކޮއް 3-2 ލަނޑުންނެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް ބެލްޖިއަމް ޖަހާފައި ވާ 14 ގޯލްތަކުގެ ތެރެއިން 8 ގޯލް ފެނިގެން ގޮސްފައި ވަނީ ސެޓްޕީސް އިންނެވެ. 5ގޯލް ކޯނަރުން، 2 ގޯލް ހިލޭޖެހުމުން އަދި އެއްގޯލް ނުސީދާ ޖެހުމަކުންނެވެ.
މީގެ 60 އަހަރު ކުރިން މިހާތަނަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގައި އެންމެ ގިނަ ގޯލް ފެނިގެންދިޔަ އެއްވަރު މެޗް ބެލްޖިއަމް 4-4 ކުޅެފަވަނީ އިނގެރޭސިވިލާތާ ދެކޮޅަށެއެވެ.
*އަލްޖީރިޔާ
ފާއިތުވީ ފަސް ވޯލްޑް ކަަޕެއްގައި މިހާތަނަށް އަލްޖީރިޔާއަށް ގޯލްޖެހިފައެއް ނުވެއެވެ. އެޓީމު ވަނީ ގޯލެއް ކާމިޔާބު ނުވެ ދަނޑުމަތީގަ 517 މިނިޓް ހަމަކޮއްފައެވެ. މި ޓީމުގައި ހިމެނޭ އަސްލަމް ސިލްމާނީ ވަނީ ކޮލިފއިންގައި 5 ގޯލްޖަހާފައެވެ. އެއީ މިފަހަރުގެ ކޮލިފައިންގައި އެފްރިކާގެ ރިކޯޑް އަދަދެކެވެ.