17 Jun 2014, 17:13
އެމެރިކާގެ ސައިންސްވެރިން އިންސާނުންގެ ޕެންކްރިއާސްއާ ގުޅުވައިގެން ބޭނުންކުރާނެ އާޓިފިޝަލް ޕެންކްރިއާސް އެއް އުފައްދައިފި އެވެ.
އެމެރިކާގެ 'ދަ ވާޖް" ނޫހުން ބުނީ ހަކުރު ބަލި ކޮންޓްރޯލުކޮށް ހަށިގަނޑުގައި ހަކުރު އެއްވަރެއްގައި ދަމަހައްޓައި ދޭނެ ބައޯނިކް ޕެންކްރިއަސްއެއް އެގައުމުގެ ސައިންސްވެރިން އުފައްދާފައިވާ ކަމަށެވެ.
ޕެންކްރިއަސް އަކީ އިންސާނުންގެ ހަށިގަނޑުގައި އުފެދުމުގައި ވެސް އިންނަ ހަށިގަނޑަށް ހަޖަމް ކުރުމަށް ބޭނުންވާ އެންޒައިމްއާއި ހަށިގަނޑުގައި ހަކުރު ހުރި މިންވަރި ކޮންޓްރޯލު ކޮށް ދެމެހެއްޓުމަށް ބޭނުންވާ ހޯމޯންސް ކަމަށްވާ އިންސުލިން އާއި ގްލޫކަގޮން އުފައްދާ ގުނަވަނެވެ. ބައޯނިކް ޕެންކްރިއަސް އަކީ ހަކުރު ބަލި ހުންނަ މީހުންގެ ޕެންކްރިއަސް އަށް އިލެކްޓްރޯނިކް އާލާތެއް އިތުރުކޮށްގެން އެގުނަވަނުގައި ހުރި އައިބުތައް ރަނގަޅުކޮށްދޭ ޕެންކްރިއަސްއެކެވެ.
އެ އާލާތް އުފައްދާފައި ވަނީ ތިން ބައެއް އެކުލެވޭ ގޮތަށެވެ. މޮބައިލް ފޯނެއް ވަރުވާ ދެ ޕަންޕާއި ގުލޫކޯޒު މޮނިޓަރު ކުރުމަށް އިންނަ އައިފޯނެއް ހިމެނެ އެވެ. ހަށިގަނޑަށް އެކަށީގެންވާ މިންވަރު ކަނޑައެޅުމަށް ފަހު މި ދެ ޕަންޕު ހަށިގަނޑަށް އިންސުލިން އާއި ގްލޫކަގޮން ދެ އެވެ. މިއީ އެންމެ ރަނގަޅު ސެޓަޕަކަށް ނުވެދާނެ އެވެ. ނަމަވެސް މިއާލާތުގެ މައްޗަށް ކުރި ތަހުގީގުގައި ބައިވެރިވި ހަކުރު ބަލި ހުންނަ ތޭރަ އަހަރުގެ ކުއްޖެއްގެ މަންމަ ކްރިސްޓީނާ ހާންޑަން އޭނާގެ ދަރިފުޅަށް މި އާލާތް އަޅައިގެން ހުރުން ދުވާލަކު އިނގިއްޔަށް ދިހަ ކަށި ހެރުމަށް ވުރެ މާރަނގަޅުކަމަށް އެސޯސިއޭޓަޑް ޕްރެސް އަށް މައުލޫމާތު ދިނެވެ.
މިއާލާތަކީ ވަކި މުއްދަތަކުން ބަދަލު ކުރަން ޖެހޭ އެއްޗެއް ކަމުގައި ވިޔަސް މިއީ މާރުކެޓުގައި މިހާރު ހުރި ވައްތަރު ތަކަށް ވުރެ އެއް ފިޔަވަޅު ކުރީގައި އުޅޭ އެއްޗެކެވެ. އެހެން ވައްތަރު ތަކާއި ޚިލާފަށް މި ޕެންކްރިއަސް ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދަށްވީމާ އާއި އޭއާއި އެއްކޮށް ހަކުރު ހުރި މިންވަރު މަތިވީމައި އެކަން ވެސް ބަލައި ރަނގަޅުކުރެ އެވެ.
މި އުއްފެއްދުން ތައާރަފު ކުރި ސައިންޓިސްޓުން ޓައިޕް ވަން ހަކުރު ބަލި ހުންނަ ނަވާރަ އަހަރުން މަތީގެ ވިހި މީހުންނަށާއި ނަވާރަ އަހަރުން ދަށުގެ ތިރީސްދެ ކުދިންގެ ގަޔަށް މިއާލާތް އަޅުވައިގެން ފަސް ދުވަސް ވަންދެން ޓެސްޓުކޮށް ކާމިޔާބު ނަތީޖާއެއް ހޯދައިފައިވާ ކަމަށް އެސޯސިއޭޓަޑް ޕްރެސްއަށް މައުލޫމާތު ދީފައިވެ އެވެ. އެޓެސްޓްތައް ހެދުމަށް ނަވާރަ އަހަރުން މަތީގެ ވިހި މީހުން ފަސް ދުވަސް ވަންދެން ވަކި ހޮޓަލެއްގައި ބޭތިއްބި އެވެ. އަދި އާންމުކޮށް ކޮންމެ ދުވަހަކު ވެސް ކުރާ ކަންކަން ކުރުމަށާއި ކާއެއްޗެހި ކެއުމަށް ސައިންޓިސްޓުން އެމީހުނަށް އިރުޝާދުދިން ކަމަށް ޓައިމްގައި ލިޔެފައިވެ އެވެ. އެމީހުނަށް މަނާ ކުރީ ހަމައެކަނި އެންމެ ކަމެކެވެ. އެއީ އެމީހުން ރަލުގެ ބާވަތްތަށް ބޯވަރު މަދުކޮށް ލިމިޓްކުރުމުށެވެ.
ހަމަ އެގޮތައް އެ ތަހުގީގުގައި ބައިވެރިވި ނަވާރަ އަހަރުން މަތީގެ ތިރީސް ދެ ކުދިން ފޮނުވާލީ ސަމާ ކޭމްޕަކަށެވެ. މިއެކްސްޕެރިމެންޓު ތަކުން ދައްކާ ގޮތުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ އިންސުލިން މޮނީޓަރާއި ޕަންޕުތަކަށް ވުރެ ބައޯނިކް ޕެންކްރިއަސް މާ ރަނގަޅަށް މަސައްކަތްކުރާކަމަށް ފާހަގަވި އެވެ. މި ޓެސްޓުގެ ނަތީޖާ އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަންއިން އެމެރިކާގެ އަވަށެއް ކަމަށްވާ ސޭން ފުރެންސިސްކޯގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކޮންފަރަންސްއަކަށް ހުށައެޅިކަމަށްވެ އެވެ. އަދި މި ތަހުގީގާއި އޭގެ ނަތީޖާވަނީ 'ދަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން' ގައި ޕަބްލިޝްކޮށްފަ އެވެ.
ބައޯނިކް ޕެންކްރިއަސްގެ މިކުރު މުއްދަތަކަށް ކުރި ޓެސްޓުގެ ކާމިޔާބީ އަށް ތާއީދުކުރަމުން، ބޮސްޓަން ޔުނިވާސިޓީ އާއި މެސެޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލުން އަނެއްކާ ވެސް އައު ޓްރައަލް އެއް ފަށަން ނިންމައިފިކަމަށްވެ އެވެ. މިފަހަރު ނަވާރަ އަހަރުން މަތީގެ ޓައިޕް ވަން ހަކުރު ބަލި ހުންނަ ސާޅީސް މީހުން މިއާލާތް އެގާރަ ދުވަސްވަންދެން ބޭނުންކުރާނެ އެވެ. ސައިންޓިސްޓުން ވަކިން އިންނަ މި ތިނެތި އެއް ޕެންކްރިއަސްއަކަށް މިއަންނަ އަހަރު ތެރޭ ހެދުމަށް އުއްމީދުކުރެ އެވެ. މިއާލާތް އުޅެނީ އަދި ހަމައެކަނި ޓެސްޓިންގްގެ ސްޓޭޖުގައި ކަމަށްވާތީ މިހާރު މީތި މާރުކޭޓުގައި ވިއްކައި ނުވަތަ ގިނަ މީހުންނަށް ދިގު މުއްދަތަކަށް ބޭނުންކުރަން ފަށާފައިނުވާ ކަމަށްވެ އެވެ. ނަމަވެސް މިހާތަނަށް މިއާލާތް ގާއިމްކޮށްފައިވާ ނަތީޖާއަކީ ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.
'އަހަރެންގެ ލަނޑުދަނޑިއަކީ މި އާލާތް އަހަރެންގެ ޓައިޕް ވަން ހަކުރު ބަލި ހުންނަ ދަރިފުޅު ކޮލެޖަށް ދިއުމުގެ ކުރިން ނިންމާލުމެ' ބޮސްޓޮން ޔުނިވާސިޓީގެ ހޯދުންތެރިއެއް ކަމަށްވާ އެޑް ދާމިއާނޯ ބުނިކަމަށްވެ އެވެ. އަދި އެސޯސިއޭޓަޑް ޕްރެސްއިން ބުނާގޮތުގައި ދާމިއާނޯގެ ދަރިފުޅު ކުރިއަށް އޮތް ތިން އަހަރު ތެރޭ ޔުނިވާސިޓީއަކަށްދާ އުމުރަށް އަންނާނެ ކަމަށެވެ.