އަތަމާ އިން ވެސްޓްމަންޓުން ނަގާފައިވާ ހަ ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ އިންޓަރެސްޓާއި ޖޫރިމަނާ އެކު ޖުމްލަ 700 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފި އެވެ.

މއ. އަތަމާގޭ އިބްރާހިމް އަބްދުއްލަތީފާއި މ. ކްރޯޓްން އާސިމާ ހަސަނާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކާފައި ނުވާތީ 700 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.

ސިވިލް ކޯޓުގެ އޭރު ކުރި ހުކުމުގައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އިން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ލޯނުތަކުގެ ރަހުނަށް ނަގާފައިވާ ކިހާދުއްފަރު ރިސޯޓާއި މާވެލާވަރު އައިލެންޑް ރިސޯޓު ވިއްކާލުމުގެ ހުއްދަ ލޯނުތައް ދޫކުރި ބޭންކުތަކަށް ލިބިގެންވާ ކަމަށެވެ.

އަތަމާ އިންވެސްޓްމަންޓަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ބްރާންޗާއި މޮރިޝަސް ބްރާންޗް އަދި ކޮމާޝަލް ބޭންކް އޮފް ސިލޯނުން 2007 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަ ލޯނެއް ނަގާފައިވާ ކަމަށް ހައިކޯޓުން ތާއިދުކޮށްފައިވާ ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އިންޓަރަސްޓް ފައިސާ ނުލާ އެ ލޯނުތަކުގެ އަދަދު ޖުމްލަ 38 މިލިއަން ޑޮލަރަށް އަރަ އެވެ.

ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އަތަމާ އިން ބުނެފައި ވަނީ އެ ލޯނުތައް ދެއްކުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ހަތް މަސް ދުވަހަކީ ކުޑަ މުއްދަތެއް ކަމަށެވެ. ނަމަވެސް ހައިކޯޓުގައި ހުކުމުގައި ބުނެފައި ވަނީ ސިވިލް ކޯޓުން ކަނޑައަޅާފައިވާ އެ މުއްދަތަކީ ގާނޫނީ ހަމައަކާއި ހިލާފަށް ނުވަތަ އެއްބަސްވުމާއި ހިލާފަށް ސިވިލް ކޯޓުން ކަނޑައެޅު މުއްދަތެއް ކަން ކޯޓުން ބުނެދެވިފައިނުވާ ކަމަށެވެ.