17 Jun 2014, 16:31
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމަށް އެސްޓީއޯ އިން ކުރަމުން އަންނަ މަސައްކަތް ދެ އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް މިއަދު ވިދާޅުވީ އެސްޓީއޯ އިން ގާއިމު ކުރާ ފާމަސީތަކަކީ ވަރަށް ފެންވަރު ރަނގަޅު ފާމަސީތަކެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ފާމަސީތައް ގާއިމުކުރުން ކުރިއަށް އޮތް ދޮޅު އަހަރު ނުވަތަ ދެ އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"އެސްޓީއޯ ވެސް އަދި ރައީސްގެ ވިސްނުމަކީ ވެސް ވަރަށް ފުރިހަމަ ހިދުމަތެއް ދިނުން، ހަމަ ބޭސްތަކެއް ބަހައްޓާފައި ހިދުމަތް ދިނުމެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކީ ވަރަށް ރަނގަޅު ހިދުމަތެއް ދިނުން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ފާމަސީތައް ގާއިމް ކުރެވިގެންދާނީ ހަ މަހުން ހަމަހުން ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ހަމަ ހުގެ ތެރޭގައިވެސް ގިނަ ފާމަސީތަކެއް ހުޅުވިގެންދާނެ ކަމަށާއި އެގޮތުން މި މަހުގެ ތެރޭގައި ވެސް ބައެއް ފާމަސީތައް ހުޅުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަށް ފާމަސީއެއްގެ މަސައްކަތް ކުރަމުން މިހާރު ވެސް ދަނީ. އެގޮތުން އެ ފާމަސީތަކަށް މީހުން ހޯދުމަށް މިހާރު ވާނެ އިއުލާން ކުރެވިފައި،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، އެ ހުރިހާ ފާމަސީއަކުން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.