17 Jun 2014, 16:16
ބެއިޖިންގް (ޖޫން 17) : ޗައިނާގައި ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމުގެ ކުށް ސާބިތުވެގެން ޗައިނާގެ ކޯޓަކުން އިއްވި މަރުގެ ހުކުމް ތަކެއް ތަންފީޒު ކުރުމުގެ ގޮތުގައި އެގައުމުގައި 13 މީހަކަށް މަރުގެ އަދަބު އިއްޔެ ދީފި އެވެ.
ޗައިނާގެ މުސްލިމުންގެ އާބާދީ ބޮޑު ސަރަހައްދެއް ކަމަށްވާ ޗިންޖިޔާންގް ސަރަހައްދަށް ނިސްބަތްވާ މި 13 މީހުންނަކީ އެސަރަހައްދުގެ ވިގޯރު ދަރިކޮޅުގެ މުސްލިމުންނެވެ. އެމީހުންގެ މައްޗަށް ޗައިނާގެ ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމުމަށް ފަހު ކޯޓުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު، ބޮން ގޮއްވުމުގެ އަމަލުތަކެއް ހިންގައިގެން 24 މީހުން މަރާލިކަމުގެ ކުށް އެ 13 މީހުންގެ މައްޗަށް ސާބިތު ވާކަމުގަ އެވެ. މިޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެ 13 މީހުންނަށް އިއްޔެ މަރުގެ އަދަބު ދީފައިވާ އިރު ޗައިނާގެ ވެރިރަށް ބެއިޖިންގްގައި މިދިޔަ އަހަރު ބޮންގޮއްވުމުގެ އަމަލުތަކެއް ހިންގުމުގެ ކުށް ވެސް ވިގޯރު ދަރިކޮޅުގެ މުސްލިމުންގެ އިތުރު ތިން މީހެއްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
މިމައްސަލާގައި އެ ތިން މީހުންނަށް ވެސް މަރުގެ އަދަބު ދިނުމަށް ޗައިނާގެ ކޯޓަކުން ދާދިފަހުން ވަނީ ހުކުމްކޮށްފަ އެވެ. މި ތިން މީހުންގެ މަރުގެ ހުކުމް ތަންފީޒުކުރާނެ ތާރީޚެއް ޗައިނާ ސަރުކާރުން އަދި ހާމަކޮށްފައެއްނުވެ އެވެ. ޗައިނާގެ މުސްލިމުންގެ އާބާދީ ބޮޑު ސަރަހައްދެއް ކަމަށްވާ ޗިންޖިޔާންގް ސަރަހައްދުގެ މުސްލިމުންގެ އިންސާނީ ހައްގުތައް ނިގުޅައި ގަންނަމުންދާ ކަމުގެ ތުހުމަތު ޗައިނާގެ މައްޗަށް ވަނީ ކުރެވިފަ އެވެ. ނަމަވެސް މި ތުހުމަތު ތަކަށް ޗައިނާ ސަރުކާރުން އިންކާރު ކުރެ އެވެ. (ރޮއިޓާސް)